ބިގްބޮސް 4އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސަރާ ޚާން މިވަގުތު ދަނީ މައްކާގެ ބިމުގައި އުމްރާގެ އަޅުކަން އަދާ ކުރަމުންނެވެ.

ހަރަމްފުޅު ތެރޭގައި ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރަމުން ސަރާ ބުނެފައިވަނީ އެ ބިމަށް ގޮސް ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރުމަކީ ދެއްކުންތެރިކަން ކަމަށް އޭނާއަށް ކުރި ހީވެފައި އޮތް ކަމަށެވެ.

އެހެން ނަމަވެސް އެއީ ދެއްކުންތެރިކަން ނޫން ކަމަށާއި އެކަމުގެ ފަހަތުގައި އޮތް ބޭނުމަކީ އެ މާތް އަޅުކަން އަދާ ކުރުމަށް އެހެން މީހުންނަށް ހިތްވަރު ދިނުންކަން މިހާރު އިހުސާސް ވާ ކަމަށެވެ.

ސަރާގެ އިތުރުން ވެސް ހިންދީ ސީރީޒްތަކުން ފެންނަ ގިނަ މުސްލިމް ތަރިންތަކެއް ވަނީ މިއަހަރު އުމްރާވެފަ އެވެ. އޭގެ ތެރޭގައި އަލީ ގޯނީ، ހީނާ ޚާން، ގައުހަރު ޚާން ފަދަ ތަރިން ހިމެނެ އެވެ.

ސަރާއަކީ ދެހާހުގެ ކުރީކޮޅު ސްޓާ ޕްލަސްއިން ދެއްކި "ބިދާއީ" ޝޯއިން އާއްމުންގެ ތަރުހީބު ހޯދި ތަރި އެކެވެ. އޭގެ ފަހުން އޭނާ ވަނީ ޖުނޫން އަދި ސަސުރާލް ސިމަރްކާ ފަދަ ޝޯތަކުން ވެސް ފެނިފަ އެވެ.