ރާއްޖެ އަށް ދިމާވެފައިވާ މައްސަލައަކީ ވެރިކަން ކުރެއްވުމަށް ފަހު، ވަޑައިގަންނަވާ ބޭފުޅުންނަށް އެހެން ވެރިއަކު ވެރިކަން ކުރައްވާ މަންޒަރު ހަޖަމު ނުވުން ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައްދު ދެއްވައިފި އެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވެފައި ވަނީ ޑޮލަރުގެ އަގު މިހާރު ދަށްވެފައި ވަނީ ސަރުކާރުން ކުރި ކަމަކުން ނޫން ކަމަށެވެ. އެއީ މަޝްރޫއުތައް ހުއްޓާލާފައި އޮތުމުން ތަބީއީ ގޮތުން ވެސް ޑިމާންޑު ދަށްވެ، ޑޮލަރުގެ އަގު ދަށްވެފައިވާތީ ވެގެން އުޅޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ޑޮލަރުގެ އަގު ދަށް ކުރުމަށް ސަރުކާރުން ކުރި މަސައްކަތެއް ނެތް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީނަށް ރައްދު ދެއްވައި، އެކަމަކު އެމަނިކުފާނުގެ ނަަން ފާހަގަ ނުކުރައްވައި ސައީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑޮލަރުގެ އަގު އަދިވެސް ދާނީ ދަށަށް ކަމަށެވެ. އެހެން އެކަން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަޅަމުން ގެންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި ހުއްޓިފައިވާ މަޝްރޫއުތައް ވެސް އެ ދަނީ އެއްވެސް ވެރިކަމެއްގައި މިހާ ކުރީކޮޅު ކުރިއަށް ނުދާ ބާރު މިނުގައި ކުރިއަށެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ، އާ ސަރުކާރަކާ ވެރިކަން ހަވާލުވިއިރު އޮތް އެންމެ ނުރައްކާތެރި ހާލަތުގައި ކަމަށް ވިދާޅުވި އެވެ.
"މިއީ ހަގީގަތް. ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައަސަލައަކީ ވެރިކަންކޮށް، ފައިބާ ފަރާތްތަކަށް އެހެން ވެރިއަކު ވެރިކަން ކުރާ މަންޒަރު ހަޖަމު ނުވުން،" ސައީދު ވިދާޅުވި އެވެ.