ބޮލީވުޑް ތަރިންގެ މުދާވެރިކަމަކީ އިންޑިއާގެ މީޑިއާގައި ވަރަށް ގިނައިން ދެކެވޭ ވާހަކަ އެކެވެ. އެގޮތުން އެމީހުން ގެންގުޅޭ އަގުބޮޑު ކާރުތަކާއި ދިރިއުޅެމުން އަންނަ ގެތަކުގެ ވާހަކަ ވަރަށް އާއްމުކޮށް މީޑިއާއަށް އަރަ އެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ބޮލީވުޑްގެ ބައެއް ތަރިންގެ އަގުބޮޑު ގެތަކަށެވެ.
ޝާހްރުކް ޚާން - މަންނަތު
މޫދު ފެންނަ ގޮތަށް މުމްބާއީގެ ބެންޑްރާގައި ހުންނަ ޝާހްރުކް ޚާންގެ "މަންނަތު"އަކީ މިވަގުތު ބޮލީވުޑް ތަރިއެއް ދިރިއުޅޭ އެންމެ އަގުބޮޑު ގެއެވެ. 2001 ވަނަ އަހަރު ޝާހްރުކް ޚާން ގަތް އެ ގޭގެ މިހާރުގެ އަގަކީ 200 ކްރޯޑް އިންޑިއާ ރުޕީސް އެވެ. އެގޭގައި މިވަގުތު ދިރިއުޅެނީ ޝާހުރުކް ޚާންގެ ދެމަފިރިންނާއި އެ ދެމީހުންގެ ތިން ދަރިންނެވެ.
އަމީތާބް ބައްޗަން - ޖަލްސާ
އަމީތާބް ބައްޗަންއާއި ޖާޔާ ބައްޗަންގެ އިތުރުން އަބީޝޭކް ބައްޗަންގެ އާއިލާ މިހާރު ދިރިއުޅެމުން އަންނަ ގެ، "ޖަލްސާ"އަކީ 1982 ވަނަ އަހަރު އަމީތާބު ކުޅުނު ފިލްމެއްގެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން އެ ފިލްމުގެ ޕްރޮޑިއުސަރު އޭނާއަށް ދިން ހަދިޔާ އެކެވެ. ގާތްގަނޑަކަށް 10000 އަކަފޫޓުގެ އެގޭގެ އަގަކީ 112 ކްރޯޑް ރުޕީސް އެވެ.
ރަންބީރު ކަޕޫރު - ވާސްތޫ
ރަންބީރު ކަޕޫރާއި އާލިއާ ބަޓް އެމީހުންގެ ދަރިފުޅު ރަހާ ކަޕޫރާއެކު ދިރިއުޅެމުން އަންނަ ގެ، "ވާސްތޫ" އަކީ 12 ފަންގިފިލާއަށް އިމާރާތް ކޮށްފައިވާ ބޮޑު ގެއެކެވެ. ކައިވެންޏަށްފަހު ވަކިން އުޅެންވެގެން އެމީހުން ގަތް އެގޭގެ އަގަކީ 35 ކްރޯޑް ކަމަށް ހަބަރުތައް ބުނެ އެވެ. އެމީހުން ވަނީ ދާދި ފަހުން 250 ކްރޯޑްގެ އެހެން ގެއެއް ގަނެފަ އެވެ.
ރަންވީރު ސިންހް
ރަންވީރު ސިންހްއާއި ދީޕިކާ ޕަދުކޯން ދިރިއުޅެމުން އަންނަނީ މުމްބާއީގެ ބެންޑްރާގައި ހުންނަ ލަގްޒަރީ ކުއަޑްރަޕްލެކްސް އެޕާޓްމަންޓެއްގަ އެވެ. އެމީހުންނަކީ ޝާހްރުކް ޚާންގެ އަވަށްޓެރިންވެސްމެ އެވެ. ބުނެވޭ ގޮތުގައި އެމީހުންގެ އެޕާޓްމަންޓް ތިން ފަންގިފިލާއަކަށް ބެހިގެންވެ އެވެ.