ރާއްޖޭގެ ވާހަކަ އެނގެން އޮތް އަން ޒަމާނުއްސުރެ، ރާއްޖެއަކީ ވަކި ދައުލަތެއްގެ ގޮތުގައި ހިންދު ކަނޑުގެ މެދުގައި އޮތް މިނިވަން މުސްތަގިއްލު ދައުލަތެއް ކަން އެނގެން އޮވެއެވެ. އެ މިނިވަން ކަމަށް މަދު ފަހަރަކު ބުރުލެއް އެރިކަމުގައި ވިޔަސް ދިވެހި ރާއްޖޭގެ އަމިއްލަ ވަންތަކަމާއި ރަސްކަމުގެ ހައިބަތާއި ވެރިކަމުގެ ނިޒާމު ބީވެގެން ދާފަދަ ގޮތަކަށް ރާއްޖޭގެ މިނިވަން ކަން ގެއްލިފައެއް ނުވެއެވެ. މިނިވަން ކަމަށް އެރި ބުރުލެއް އެރި ކޮންމެ ފަހަރަކު ވެސް އެ ބުރުލެއް އަރާފައި އޮތީ ރާއްޖޭގެ އެތެރެއިން އެކަމަށް ބަޔަކު އުޅެގެން، އެބަޔެއްގެ ސަބަބުންނެވެ. މިހާރު މިފާހަގަ ކުރާ މިނިވަން ދުވަސް ފާހަގަ ކުރަން ދިމާވި މިނިވަން ކަމަކީ އިނގިރޭސިންގެ ނުފޫޒުން ރާއްޖެ މިނިވަން ވި މިނިވަން ވުމެވެ. އެއީ މީގެ ފަސްދޮޅަސް އަހަރު ކުރިން ކުރެވުނު މިނިވަންކަމުގެ އެއްބަސްވުމެއްގެ ޒަރީއާއިންނެވެ.
ފުރަތަމަ އެއްބަސް ވުން
1965 ވަނަ އަހަރު ޖުލައި މަހުގެ 26 ވަނަ ދުވަހު، ދިވެހިން އެ ހިމާޔަތަކުން ސަލާމަތް ވި އިނގިރޭސިންގެ ހިމާޔަތަށް ރާއްޖެ ދިޔައީ 1887 ވަނަ އަހަރު އެވެ. އޭރު ރާއްޖޭގެ ތަޚުތުގައި ރެދަލި ކުރައްވަމުން ގެންދެވި އައްސުލްތާނު މުހައްމަދު މުއީނުއްދީން ދެވަނައިގެ ރަސްކަމުގައެވެ. ހިމާޔަތުގެ ސޮޔަކީ އޭރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި އޮތް ވާދަވެރި އާއިލާއެއްގެ ދެ ގޮފި ކަމުގައިވާ އަތިރީގޭ ގޮތްޕާއި އެއްގަމުގޭ ގޮފީގެ މެދުގައި ހިނގި ވާދަ ވެރިކަމުގައި ބާރު ވަކި ފަރާތަކަށް ބުރަކުރުމަށްޓަކައި އިނގިރޭސިންގެ ހިމާޔަތަށް އެދުމުގެ ނަތީޖާއިން އުފަންވި ސޮޔެކެވެ. އިނގިރޭސިންގެ އެހީތެރިންނަކީ އަތިރީގޭ ބޭފުޅުންނެވެ. މުއީނުއްދީނު ރަދުންނަށް ބިރުދައްކައިގެން އަތުލެވުނު ސޮއިގެ ޒަރީއާއިން އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިވެހި ދައުލަތް ދިއުމަށް ފަހު އިނގިރޭސިންގެ ބެލުމުގެ ދަށުން ރާއްޖޭގެ ކަންތައް ދިޔައީ އަމާން އޮމާން ކޮށެވެ. ބައެއްގެ ހިމާޔަތުގައި އޮތުމަކުން ނުވަތަ ނެތުމަކުން އާންމުނަށް މާ ބޮޑު އެނގުމެއް ނެތެވެ. އެމީހުންގެ ދިރިއުޅުމަކަށް އެކަމުން ލިބޭ ފައިދާ އެއްވެސް ގެއްލުމެއް ވެސް ނެތެވެ.
ދެވަނަ އެއްބަސް ވުން
ހިމާޔަތުގެ އެގްރީމެންޓަށްފަހު އިނގިރޭސި ދައުލަތާއި ދިވެހި ދައުލަތާއި ދެމެދު ދެވަނަ އެއްބަސް ވުމެއްގައި ސޮއި ކުރެވުނީ 1948 ވަނަ އަހަރުގައެވެ. އާކުރެވުނު އެގްރީމެންޓުގެ ޒަރީއާއިން އިނގިރޭސި ދައުލަތުގެ ދަށުގައި އޮތް ސިލޯނަށް ދިވެހިން ދެމުން އައި ޖިޒީ ދިނުން ނިމުމަކަށް އައެވެ. މި އެގްރީމެންޓުގައި ސޮއި ކުރެވުނީ ވަރަށް ބޮޑު ރަސްމިއްޔާތަކާ އެކު އެކަމަށްޓަކައި މާލޭގައި ބިނާ ކުރި ދަރުބާރު ގެއެއްގައެވެ.
ތިން ވަނަ އެއްބަސް ވުން
އިނގިރޭސިންނާ އެކު ކުރެވުނު ތިންވަނަ އެގްރިމެންޓް ކުރެވުނީ 1 ޖެނުއަރީ 1953 ވީ ބުރާސްފަތި ދުވަހުއެވެ. އެއީ ރާއްޖޭގެ ރަސްކަން އުވި ޖުމުހޫރިއްޔަތަކަށް ބަދަލު ވުމާ އެކު އެގްރިމެންޓުގައި އޮތް ރަސްކަމުގެ ބަދަލުގައި ޖުމުހޫރިއްޔާ ލިޔެފައި އާ ކުރެވުނު އެގްރީމެންޓެކެވެ.
ހަތަރު ވަނަ އެއްބަސްވުން
ރާއްޖެއާ އިނގިރޭސި ދައުލަތާ މެދު ކުރެވުނު ހަތަރު ވަނަ އެގްރިމެންޓަކީ ފުރަތަމަ ޖުމުހޫރިއްޔާ ނިމި އަލުން ރަސްކަމަކަށް ބަދަލު ވުމާ އެކު އެގްރިމެންޓަށް އެ ބަދަލު ގެނައުމަށް ކުރެވުނު އެގްރިމެންޓެކެވެ. އެގްރިމްނެޓް ކުރެވުނީ 7 މާޗް 1954 ވަނަ އެހަރުއެވެ.
ފަސް ވަނަ އެގްރިމެންޓް
އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ތިބި ދިވެހިންނަށް އަޅުވެތިކަމުގެ ރަހަ އިހުސާސް ވާން ފެށީ އިނގިރޭސިން ދިވެހި ގައުމުގެ ދާޚިލީ ކަންތަކުގެ ތެރެއަށް ސީދާ ވަންނަން ފެށި ހިސާބުންނެވެ. އޭގެ ފެށުމަކީ އައްޑު އަތޮޅު ގަމާއި މާމެނދޫ އިން ބިމެއް، އިނގިރޭސިންގެ އަސްކަރީ ބޭނުމަށް ހޯދުމަށް އުޅެގަތް ހިސާބުންނެވެ. މިކަމަށް ބޭނުންވާ އެއްބަސް ވުމެއް ލިޔެ، އިތުރު އެއްވެސް ފަރާތަކަށް އެންގުމެއް ނެތި ދިވެހި ދައުލަތުގެ އޭރުގެ ބޮޑު ވަޒީރު އަލް އަމީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނާއި އިނގިރޭސި ސަރުކާރާ ދެމެދު ސޮއި ކުރެވުނެވެ. ރަމްޒީ ސޮޔެއްގެ ގޮތުގައި ބެލެވުނު އެ ސޮއި ކުރެވުނީ ކޮޅުނބުގައެވެ. ރާއްޖޭގެ ރަސްގެފާނަށް ވެސް ނުވަތަ ކެބިނެޓަށް ވެސް އެކަމުގެ މައުލޫމާތެއް ލިބި ވަޑައިގެންނެވީ ބޮޑު ވަޒީރު ރާއްޖެ ވަޑައިގެންނެވުމުންނެވެ.
އައްޑޫ ގަން، ފުރަތަމަ 100 އަހަރަށް، ފަހުން މިލްކު ވާގޮތަށް ބަޔަކަށް ކުއްޔަށް ދޫކުރުމުގެ ޚިޔާލާ ދެކޮޅު ހެއްދެވީ އޭރު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު މެންބަރު ކަމުގައި ހުންނެވި އިބްރާހިމް ނާސިރެވެ. ސޮއި ކުރެވުނު އެއްބަސްވުމުގެ ނުރައްކާ ތެރިކަން ވިސްނައިދީ މަޖިލީހުން އެ އެގްރީމެންޓި ފާސް ނުކޮށް ބޭރު ކޮށްލެވޭ ފަދަ ތާއީދު ނާސިރު ހޯއްދެވިއެވެ.
ޚިޔާލު ތަފާތު ވި މައްސަލައިގެ ތެރެއިން ބޮޑު ވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު އިސްތިޣުފާ ދެއްވިއެވެ. އޭގެ ފަހުގައި ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވީ އިބްރާހިމް ނާސިރެވެ.
ބާތިލު ކުރެވުނު އެގްރީމެންޓްގެ މައްސަލައިގައި އިނގިރޭސި ދައުލަތާއި ދިވެހި ދައުލަތާ ދެމެދު އުފެދުނު މައްސަލަ ތަކުގެ ތެރެއިން އުފަންވި އައްޑޫ ގަޑުބަޑުގައި ދިވެހި ރާއްޖޭގެ ދެކުނުގެ ތިން އަތޮޅު ދިވެހި ދައުލަތުން ވަކިވެ އާ ސަރުކާރެއް އިއުލާން ކުރިއެވެ. އެ މައްސަލަ ނިމި ހަމަޔަކަށް އެޅުނީ އިނގިރޭސިންނާ އެކު ދެކެވުނު އުނދަގޫ ވާހަކަ ތަކަށް ފަހު ވެވުނު އެއްބަސްވުމެއްގެ ޒަރީއާ އިންނެވެ.
އެ އެއްބަސްވުމަކީ ދިވެހި ދައުލަތާއި އިނގިރޭސި ދައުލަތާއި ދެމެދު ކުރެވުނު ފަސް ވަނަ އެގްރީމެންޓެވެ. ރާއްޖޭގެ ވެރިކަމުން ހިންގެވުމާ ރައީސް ނާސިރު ހަވާލު ވެވަޑައިގެންނެވުމަށްފަހު އިނގިރޭސިންނާ ކުރެއްވި ފުރަތަމަ މުއާމަލާތެވެ. މި އެއްބަސްވުމުގެ ސަބަބުން ހާސިލު ވި ކަމަކީ ރާއްޖޭގެ ދެކުނުން ބޮޑު ބައެއް އިނގިރޭސިންނަށް މިލްކު ވާގޮތަށް ކުރަން އުޅުނު އެގްރިމެންޓަކުން ސަލާމަތްވެ ދިވެހި ރާއްޖޭގެ އެތެރޭގެ އެއްވެސް ކަމަކާ އިނގިރޭސިން ނުބެހޭނެ ކަމުގެ ފުރިހަމަ ޔަގީން ކަން ލިބުމެވެ.
ދިވެހި ރާޢްޖޭގެ އެތރޭގެ ކަންތަކާ ނުބެހޭނެ ކަމުގެ ޔަގީންކަން ދިނުމަށްފަހު ގަމުގެ މައްސަލާގައި އަބްދުﷲ އަފީފް ދިވެހި ސަރުކާރަށް އަންގާލުމެއް ނެތި ސީޝެލްސް އަށް ގެންދިއުމަކީ އެގްރިމެންޓާ ޚިލާފު ވުން ކަމުގައި ނާސިރު ދެކެވަޑައިގެންނެވިއެވެ. އެހިސާބުން އިނގިރޭސި ސަފީރަށް ނާސިރު އެންގެވީ އެ އެގްރިމެންޓު އުވާލުމުގެ މަޝްވަރާ ފެށުމުގެ ކުރިން ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ އެކު ދައްކާނެ ވާހަކައެއް ނޯންނާނެ ކަމުގައެވެ.
އިނގިރޭސި ސަފީރަށް ނާސިރުގެ އިންޒާރަށްފަހު ފެނިގެން ދިޔައީ އިނގިރޭސިންނާ ދެކޮޅަށް ރައްޔިތުން ހިންގި ވަރުގަދަ އިހުތިޖާޖު ތަކެކެވެ.
ހަވަނަ އެގްރީމެންޓް (މިނިވަންކަމުގެ އެއްބަސް ވުން)
އޯލްޕޯޓް/ނާސިރު އެގްރީމެންޓަކީ 1887 ވަނަ އަހަރުއްސުރެ އިނގިރޭސިން ދިވެހި ރާއްޖޭގެ މައްޗަށް ފޯރުވައިގެން ތިބި ނުފޫޒު ދާއިމަށް ނެތި ދިޔަ އެއްބަސް ވުމެވެ. 1965 ވަނަ އަހަރު ޖުލައި 26 ވަނަ ދުވަހު ސިލޯނުގެ ވެރި ރަށް ކޮޅުނބުގައި ކުރެވުނު ސޮޔާ އެކު ދިވެހި ރާއްޖެއަށް ޚާރިޖީ ގުޅުމުގެ ބާރު ފުރިހަމަޔަށް ލިބުނެވެ. އެއާ އެކު ބައިނަލް އަގުވާމީ ދުނިޔޭގައި އެހެން ގައުމުތަކާ އެކު ހިނގައިގަތުމުގެ ބާރު ދިވެހިންނަށް ލިބުނެވެ. އެ ހިތްވަރު ހޯދުމަށް ކުރި ދަތުރަކީ ދިގު ދަތުރެކެވެ. އެ ދަތުރުގެ މާލިމީ އަކީ ގައުމު އެބޭފުޅަކަށް ފަޚުރުވެރިވާ ސުމުއްވުލް އަމީރު އިބްރާހިމް ނާސިރެވެ.