ދިވެހި ސަރުކާރުގެ އެދުމަކަށް އަވަށްޓެރި އިންޑިއާ އިން ރާއްޖެ އަށް ޒަރޫރީ ކާބޯތަކެއްޗާއި ހިލަ އާއި ހިލަވެލި ފޯރުކޮށްދިނުމަށް ނިންމާފައިވާ ކޯޓާ ބޮޑު ތަނުން އިތުރުކޮށްދީފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު 1981 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން މިއީ ރާއްޖެ އަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެކްސްޕޯޓް ކުރަން ފެށި ފަހުން އެންމެ ބޮޑު ކޯޓާއެއް ރާއްޖެއަށް ކަނޑައެޅި ފަހަރު ކަމަށެވެ. ކާބޯތަކެތީގެ އިތުރުން ހިލަ އާއި ހިލަވެލި އެކްސްޕޯޓް ކުރުމުގެ ކޯޓާ ވެސް ވަނީ އިތުުރުކޮށްދީފަ އެވެ.
ހައި ކޮމިޝަންގެ ބަޔާނުގައިވާ ގޮތުން ހިލަ އާއި ހިލަވެލީގެ ކޯޓާ 1 މިލިއަން މެޓްރިކް ޓަނަށް ވަނީ އިތުރުކޮށްދީފަ އެވެ. ހައި ކޮމިޝަންގެ ބަޔާނުގައި ބުނި ގޮތުގައި މިއީ މިއީ ރާއްޖޭގައި ކުރިއަރަމުން އަންނަ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް އިތުރު ދިރުމެއް ލިބޭނެ ކަމެކެވެ.
މީގެއިތުރުން ބިސް، އަލުވި، ފިޔާގެ އިތުރުން ކާޑުގެ ބާވަތްތަކާއި (ހަނޑޫ، ހަކުރު، ފުށް) މުގުގެ ކޯޓާ %5 އިތުރުކޮށްފައިވާ ކަމަށް އޭގައިވެ އެވެ.
އިންޑިއާ އިން އުފައްދާ ހަނޑޫ، ހަކުރު އަދި ފިޔާ ބޭރުކުރުން މިދިޔަ އަހަރު މަނާކޮށްފައި އޮތް އިރު ވެސް އިންޑިއާ އިން ވަނީ ހާއްސަ ހުއްދައެއްގެ ދަށުން ރާއްޖެ އަށް އެ ތަކެތި އެކްސްޕޯޓްކޮށްފަ އެވެ.
ބިސް: 428 މިލިއަން
އަލުވި: 21،000 މެޓްރިކް ޓަނު
ފިޔާ: 36،000 މެޓްރިކް ޓަނު
ހަނޑޫ: 124،000 މެޓްރިކް ޓަނު
ފުށް: 109،000 މެޓްރިކް ޓަނު
ހަކުރު: 64،000 މެޓްރިކް ޓަނު
މުގު: 224 މެޓްރިކް ޓަނު
އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓްރީ އިން އާއްމުކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 2024-2025 އަހަރުގެ ތެރޭ އިންޑިއާ އިން މި ތަކެތި ބޭރުކުރުން މަނާކުރަން ނިންމި ނަމަވެސް، ރާއްޖެ އަށް ކަނޑައަޅާފައިވާ ކޯޓާގެ ދަށުން ރާއްޖެ އަށް މި ތަކެތި އެކްސްޕޯޓު ކުރާނެ އެވެ.