އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަ ކުއްޖަކަށް އަނިޔާކުރުމުގައި ބައިވެރިވި ކުއްޖެއްގެ އާއިލާ އިން އެކަމަށް މާފަށް އެދިއްޖެ އެވެ.
ކުޑަ ކުއްޖަކަށް އަނިޔާކުރުމުގައި ބައިވެރިވި ކުއްޖެއްގެ އާއިލާގެ މީހަކު ރޭ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ކުއްޖާ ޝާމިލުވެގެން ހިންގި އަމަލު އާއިލާގެ ފަރާތުން ކުށްވެރިކުރާ ކަމަށެވެ. މި މައްސަލާގައި އަނިޔާ ލިބުނު ކުއްޖާ އަށް ލިބިފައިވާ ބިރުވެރިކަމާއި ނަފުސާނީ ގެއްލުމަކީ އުމުރު ދުވަހު ހިތުގައި ހުންނާނެ ކަންތައްތަކެއްކަން ދަނެ، އެކަމާ މެދުގައި އެ އާއިލާ އިން ހިތާމަކުރާ ކަމެއް ކަމަށް އެ ޕޯސްޓްގައި ވަނީ ބުނެފަ އެވެ.
"އަނިޔާ ލިބުނު ކުއްޖާގެ ކިބައިންނާއި އެ ކުއްޖާގެ އާއިލާގެ ކިބައިން މިކަމާ ހިތާމަކުރާ ހާލު މާފަށް އެދެމެވެ،" އެ ޕޯސްޓުގައިވެ އެވެ.
އާއިލާ އިން ބުނީ، އާއިލާގެ ފަރާތުން ޕޯސްޓް ޖަހަން މެދުވެރިވީ އަނިޔާ ލިބުނު ކުއްޖާއަށް މަރުގެ އިންޒާރުދީ އާއިލާގެ ފަރާތަކުން ކުރި ކޮމެންޓެއްގެ ސްކްރީންޝޮޓް ސޯޝަލް މީޑިއާގައި އާންމުވުމުން ކަމަށެވެ. މި ކޮމެންޓުގެ ސަބަބުން މުޖުތަމައުއަށް އެ އާއިލާ ސިފަވަނީ ހަނގުރާމަ ކުރުމަށް ހިތްވަރުދޭ އާއިލާއެއްގެ ގޮތުގައި ނަމަވެސް، މިއީ މި މައްސަލައިގައި އާއިލާ އިން ދެކޭގޮތް ނޫންކަމަށް އާއިލާ އިން ބުނެފައިވެ އެވެ.
އެގޮތުން އެއްވެސް އުމުރެއްގެ މީހަކަށް އަނިޔާވެރި ވުމަކީ އެ އާއިލާ އިން ބާރުދޭނެ ކަމެއް ނޫންކަމަށް ބުނެފައިވެ އެވެ. އަދި އެ ކޮމެންޓުގައި އޭނާ އަނިޔާކުރި ކުއްޖާ ދިފާއުކޮށް ވާހަކަ ދައްކާފައިވީ ނަމަވެސް، އާއިލާ އިން އަނިޔާދިން ކުއްޖާ ދިފާއު ކުރުމުގެ އެއްވެސް ގަސްދެއް ނެތްކަމަށް ވެސް އާއިލާ އިން ބުންޏެވެ.
"މިކަން މިގޮތަށް ވެއްޖެކަން މި އާއިލާއަށް އެނގުނީ ޕޭޖެއްގައި ސްކްރީން ޝޮޓްތައް އާންމުކުރުމުންނެވެ. މި ސްކްރީން ޝޮޓްތައް ދައުރުވާން ފެށުމުން މުޖުތަމައު އަށް މި އާއިލާ ސިފަވެފައި ވަނީ ހަނގާކުރުމަށް ހިތްވަރުދޭ އާއިލާއެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް އެ ސްކްރީން ޝޮޓްތަކުގައި އޭނާ ބުނެފައިވާ ވާހަކަތަކަކީ މި އާއިލާ އިން މި މައްސަލައާ މެދު ދެކޭ ގޮތެއް ނޫނެވެ،" އެ ޕޯސްޓުގައި ބުންޏެވެ.
އަދި އޭނާ ކުރި ކުށަށް އަދަބު ލިބެން ޖެހޭ ކަމަށް އާއިލާ އިން ދެކޭ ކަމަށާ އަދި އޭނާ އަށް އަދަބު ދިނުމަށް ކަމާބެހޭ ފަރާތްތަކަށް އާއިލާގެ ފަރާތުން ދޭން ޖެހޭ އެއްބާރުލުން ދޭނެ ކަމަށް ވެސް އެއާއިލާއިން ބުނެ އެވެ.
ކުއްޖާ ރަނގަޅު ގޮތުގައި މުޖުތަމައު އަށް އަލުން އަނބުރާ ނެރުމަށް އާންމުންނާއި ކަމާބެހޭ އިދާރާތަކުގެ އެއްބާރުލުން އާއިލާ އިން ބޭނުންވާ ކަމަށް ވެސް އެ ޕޯސްޓުގައި ބުންޏެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ، ރަސްދޫ މިސްކިތުގެ ފާހާނާ ތެރޭގައި 12 އަހަރުގެ ކުއްޖަކަށް އަނިޔާ ކޮށްފައި ވަނީ އުމުރުން 13 އަހަރާއި 14 އަހަރުގެ ދެ ފިރިހެން ކުދިންނެވެ. ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯއަކުން، އެތައް ފަހަރަކު އެ ކުއްޖާގެ ގައިގައި ޖަހާތަން ފެނެ އެވެ. ކަނދުރާމަތީގަ އާއި ބޮލުގައި ގޮށްމުށުންނާއި ކޮޅުފައިން ޖަހަ އެވެ. އަދި އެ ކުއްޖާގެ އަތުގައި އޮތް ފެންފުޅި އަތުލައި ބޮލަށް އަޅާލަ އެވެ.
ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.