ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ އާއި އަބްދުއްރަހީމްގެ ދަރިކަލުން، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއަކީ ވަޒީރު ކަމަށް ކޮލިފައިވާ ބޭފުޅެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލް ޖަމީލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް މީހަކު މަގާމަކަށް ނުވަތަ ވަޒީފާއަކަށް ކުރިމަތިލުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެކަމަކު، ޕީއެންސީގެ ޗެއާޕާސަން ކަން ވެސް ކުރައްވާ އަދުރޭ އާއި އަދުރޭގެ ފައިސަލްއަކީ ވަޒީރު ކަމަށް ކޮލިފައި ދެ ބޭފުޅުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްވެސް މީހަކު މަގާމަކަށް ނުވަތަ ވަޒީފާއަކަށް ކުރިމަތިލުން މައްސަލައެއް ނޫން. އެކަމަކު މިފަދަ ފަރާތްތައް މަޖްލިސް އަށް ކޮލިފައި ނުވޭ. މިބީދައިން ތަޢްލީމީ މިރާއްޖޭގައި އަދުރޭ އާ އަދުރޭގެ ދަރި ފައިސަލްވެސް މިގައުމުގެ ޓެކްސް ފައިސާގައި ވަޒީރުކަމަށް ކޮލިފައި ނުވޭ." ޖަމީލް ވިދާޅުވި އެވެ.
ޖަމީލް އެގޮތަށް ވިދާޅުވި ސީދާ ސަބަބެއް ސާފެއް ނޫނެވެ.
އެކަމަކު، ޖަމީލް އެގޮތަށް ރައްދު ދެއްވާފައި ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ހޯރަފުށީ ދާއިރާ އަށް ވާދަކުރައްވާ އަލީ މޫސާ އަށް ވާހަކަ ނުދެއްކެވިގެން އުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ.
މީގެކުރިން މިނިސްޓަރު ފައިސަލް ވެސް ޖަލްސާއެއްގައި ވާހަކަ ދެއްކެވި ގޮތުން އޭނާ އަށް ފާޑު ކިއުންތަކެއް އަމާޒުވި އެވެ.