މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އޮލިމްޕަސް ސިނަމާގައި އެޅުވި ބިރުވެރި ފިލްމު "ކަޅަކި"، އީދު ދުވަހު މީޑިއާނެޓުގެ ވީޑިއޯ ކްލަބް މެދުވެރިކޮށް ބެލުންތެރިންނަށް ބަލާލެވޭނެ ކަމަށް ބުނެފި އެވެ. މިއީ މި ފިލްމު އޮލިމްޕަސް ސްކްރީނުގައި ބަލާލުމުގެ ފުރުސަތު ނުލިބުނު ފަރާތްތަކަށް އުފާވެރި ޚަބަރަކަށްވާނެކަން ޔަގީނެވެ.

މަގްބޫލު ފިލްމީތަރި ނިއުމާ މުޙައްމަދު ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުވަނީ ސިނަމާތަކުން މެޗު ބެލި ގިނަބަޔަކަށް ވަނީ ކަމުގޮސްފަ އެވެ. ނިއުމާ ޕްރޮޑަކްޝަންގެ ދެވަނަ ފިލްމު ކަޅަކިއަކީ ދިވެހިރާއްޖޭގެ އެންމެ ފުންނާބު އުސް އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އޭނާ އަމިއްލައަށް ސްކްރީންޕްލޭ ލިޔެ ޑައިރެކްޓުކޮށްފައިވާ ފިލްމެކެވެ.

ބިރުވެރި ހާދިސާއަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ފިލްމުގައި ދައްކައިދެނީ ރައްޓެހިންތަކެއް އެކުގައި ކުރާ ދަތުރެއްގެ ތެރެއިން ދިމާވާ ބިރުވެރި ހާދިސާތަކެކެވެ. ރައްޓެހިންތަކެއް ދަތުރު ދިއުމަށްފަހު މަޑުކޮށްގެން ތިބޭ ގޭގައި ހިނގާ ބިރުވެރި ކަންތައްތަކެއް މި ފިލްމުން ދައްކުވައިދޭނެ އެވެ. ޓްރެއިލާ އިން ފެންނަ ގޮތުން ފިލްމުގެ ތަރިއެއް ޖިންނި އަވަލައިގެން އުޅޭ މަންޒަރު، އަދިވެސް އެހެނިހެން ބިރުވެރި މަންޒަރުތަކެއް މި ފިލްމުގައިވަނީ ގެނެސްދީފަ އެވެ. މި ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ އަވައްޓެރި ސްރީލަންކާގަ އެވެ.

މި ފިލްމަކީ ދިވެހި ފިލްމީ އިންޑަސްޓްރީގައި މަގްބޫލު ގިނަ ތަރިންތަކެއް އެކްޓުކޮށްފައިވާ ފިލްމެކެވެ. އޭގެ ތެރޭގައި އަލީ ސީޒަން، ޔޫސުފް ޝަފީއު (ޔޫއްޕެ)، މުހައްމަދު މަނިކު، އާމިނަތު ރިޝްފާ، ވާޝިޔާ މުހައްމަދު އަދި އާމިނަތު ލަހުފާ (ލާރކް) ހިމެނެ އެވެ. މި ފިލްމު ސިނަމާގައި ބެލި ފަރާތްތަކުން ވަނީ ވާޝިޔާ މުހައްމަދު މި ފިލްމުގައި ކުޅެފައިވާ ރޯލަށާއި އޭނާގެ އެކްޓިންއަށް ތަޢުރީފު އޮއްސާލާފަ އެވެ. ގިނަބަޔަކު ބުނާގޮތުގައި މިއީ އަރަމުން އަންނަ ތަރިއެއްގެ ފަރާތުން ފެނުނު އެންމެ މޮޅު އެންމެ ފުރިހަމަ އެކްޓިން އެވެ.

މީޑިއާނެޓް އޮރިޖިނަލްސްގެ ބެނާގެ ދަށުން ވީޑިއޯ ކްލަބުން ވަނީ މީގެ ކުރިން ވެސް ހޮރޯ ނުވަތަ ބިރުވެރި ޖަންރާގެ ސީރީޒްއެއް ދިވެހިންނާއި ހަމައަށް ގެނެސްދީފަ އެވެ. އެ ސީރީޒް "ނަފްސު" ގިނަބަޔަކަށް ވަނީ ކަމުގޮސްފަ އެވެ. މިއީ އަނެއްކާ ވެސް ވީޑިއޯ ކްލަބް ލައިބްރަރީގެ ހޮރޯ ޖަންރާ އިތުރަށް މުއްސަނދިކުރުވާނެ ފިލްމެކެވެ.

ވީޑިއޯ ކްލަބުން އަންނަނީ ފަހުގެ ގިނަ ފިލްމުތަކެއް އޮލިމްޕަސް ސްކްރީނަށްފަހު ދިވެހިންނާ ހަމައަށް އެ ޕްލެޓްފޯމް މެދުވެރިކޮށް ގެނެސްދެމުންނެވެ. މި އަހަރު އެ ޕްލެޓްފޯމަށް ރިލީޒްކުރި އެހެން ފިލްމުތަކަށް ބަލާއިރު ލޯބީގެ ފިލްމު "ނޮވެމްބަރު" އަދި ތްރިލާ ފިލްމު "ނީނާ" ފާހަގަކޮށްލެވެ އެވެ.