ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން އެންގީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު މިދިޔަ މަހު ހައި ކޯޓުން ބާތިލްކޮށްފައި ވަނިކޮށެވެ. ޖިހާދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޕީޖީން ކުރާ ދައުވާގައި، ޖިހާދުގެ ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަށް ކްރިމިނަލް ކޯޓުގައި އޭނާ އެދިވަޑައިގަތުމުން ޕީޖީގެ އެދުމަކަށް އޭނާގެ ޕާސްޕޯޓް އެ ކޯޓުން ހިފެހެއްޓި އެވެ. އެކަމަކު ހައި ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށްފަ އެވެ.
އެ މައްސަލަ ޕީޖީން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވަނީ އެ މައްސަލަ ނިމުމުގެ ކުރިން ޖިހާދު ފުރައިވަޑައިގެންފި ނަމަ ސުޕްރީމް ކޯޓުން މައްސަލަ ނިމޭއިރު ނިންމާ ގޮތެއްގެ ބާރު ނުހިނގާ ފަދަ ހާލަތެއް ކުރިމަތިވެދާނެތީ އެ މައްސަލަ ނިމެންދެން ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން އަމުރުކުރީ ކަމަށެވެ.
ދައުލަތުން އިސްތިއުނާފްކުރި މައްސަލާގެ ޝަރީއަތް މިރޭ ފަށަން ސުޕްރީމް ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ. އެ މައްސަލަ ބަލާ ބެންޗުގައި ތިއްބަވަނީ އައިޝާ ޝުޖޫނާއި ޑރ. މުހައްމަދު އިބްރާހިމް އަދި އަލީ ރަޝީދެވެ.