ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ޑިމޮކްރެޓްސްގެ ފަރާތުން ތ. ގުރައިދޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް ލީލާ އިބްރާހިމް މަނިކު، އެ ދާއިރާއަށް ވެރިކަން ކުރާ ޕީއެންސީ އިން ވާދަކުރާ ކެންޑިޑޭޓް ހަނާން މުހައްމަދު ރަޝީދަށް ތާއީދު ކުރަން ނިންމައިފި އެވެ.

ގުރައިދޫ ދާއިރާގެ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް، ސަރުކާރު ކެންޑިޑޭޓަށް އެންޑޯޒް ކުރިއިރު، އެ ދާއިރާއަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ކެންޑިޑޭޓެއް ނުނިކުމެ އެވެ.

ޕީއެންސީގެ ކެންޑިޑޭޓްގެ އިތުރުން ދެން އެ ދާއިރާއަށް ވާދަކުރަނީ އަމިއްލަ ކެންޑިޑޭޓެކެވެ. ގުރައިދޫ ދާއިރާއަކީ އަބަދުވެސް ޕީޕީއެމްއަށް ތާއިދު ބޮޑު ދާއިރާއެކެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ރައީސް މުހައްމަދު މުއިއްޒަށް ނިސްބަތުން އެންމެ ގިނަ ވޯޓު ލިބުނު އެއް ދާއިރާއަކީ އެއީ އެވެ.

މިއީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބުގެ ރޭހުން ފަހަތަށް ޖެހި، ސަރުކާރުގެ ކެންޑިޑޭޓަށް ތާއިދުކުރަން ނިންމި ދެވަނަ ކެންޑިޑޭޓެވެ.

މީގެކުރިން ތިމަރަފުށީ ދާއިރާ އަށް ވާދަކުރާ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ފާތިމަތު ޒިލްމާ ވަނީ، އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރާ އަހްމަދު ރިޔާޒަށް ތާއީދުކޮށްފަ އެވެ. ތިމަރަފުށީ ދާއިރާއަށް ޕީއެންސީގެ ކެންޑިޑޭޓެއް ހުއްޓަސް ސަރުކާރުގެ ކެންޑިޑޭޓަކީ ރިޔާޒު ކަމަށް ސަރުކާރުގެ ބައެއް މިނިސްޓަރުން ވަނީ ވިދާޅުވެފަ އެވެ.