ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާކޮށް މިސަރުކާރުން ސިޔާސީ އާ މަގާމެއް އުފައްދައި އެމަގާމުތަކަށް ބޭފުޅުން އައްޔަން ކުރަން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން އަލަށް އުފެއްދި ސިޔާސީ މަގާމަކީ "އެސިސްޓަންޓް ޕޮލިޓިކަލް ޑިރެކްޓަރު" ގެ މަގާމަ އެވެ. އެނގިފައިވާ އެ މަގާމު އުފެއްދީ މިދިޔަ މަހުގެ ތެރޭގަ އެވެ. އަދި މަގާމުގެ މުސާރަ އަކީ ގާތްގަނޑަކަށް 15،000 ރުފިޔާ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ މާޗް މަހުން ފެށިގެން އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓާގެ މަގާމަށް މުވައްޒަފުން އައްޔަނު ކުރަމުން އަންނައިރު، މިހާތަނަށް ސްޕޯޓްސް މިނިސްޓްރީއަށް 11 އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުން ވަނީ އައްޔަނުކޮށްފަ އެވެ.

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރު ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދާއި ތަފުސީލުތައް އާއްމުނުކުރަން ރައީސް އޮފީހުން ވަނީ ނިންމާފަ އެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައިވާ ސަރުކާރަށް ގާތްގަނޑަކަށް ފަސް މަހެއްހާ ދުވަސްވީ އިރު، ސިޔާސީ މަގާމުތަކުގެ އަދަދު 1،500 އަށް އަރާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ އަންނަ އާދީއްތަ ދުވަހެވެ. އެ އިންތިހާބާ ދިމާކޮށް ވަޒީފާގެ ބިރު ދެއްކުމާއި ވަޒީފާއަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބައެއް މަދަނީ ބައެއް ޖަމިއްޔާތަކާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ.

ވޯޓު ކޮންޓްރޯލް ކުރުމުގެ ބޭނުމުގައި ޅ. ފެލިވަރުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދެއްކުމަށް ވެރިކަން ހިންގާ ޕީއެންސީގެ ޖަލްސާއެއްގައި ގޮވާލި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލަ އިލެކްޝަންސް ކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.