މިދިޔަ އާދީއްތަ ދުވަހުގެ ފަތިހު ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާންއަށް އަމާޒުކޮށް އޭނާ ދިރިއުޅޭ ގޭގެ ބޭރުން ދިން ބަޑީގެ ހަމަލާތަކަށްފަހު ސަލްމާން އަލުން މަސައްކަތްތައް ފަށައިފި އެވެ.
އިންޑިއާގެ ހަބަރުތައް ބުނާ ގޮތުގައި ކުރިން ރޭވިފައިވާ ގޮތަށް ސަލްމާން އޭނާގެ މަސައްކަތަށް އެނބުރި ދާން ނިންމާފައިވާއިރު އޭނާއާ ބައްދަލު ކުރަން ސެޓުތަކަށް ނުދިއުމަށް އޭނާ އެދެ އެވެ.
ހަމައެއާއެކު އޭނާ ދިރިއުޅެމުން އަންނަ ގެލެކްސީ އެޕާޓްމަންޓްގެ ސަރަހައްދުގައި އެއްވެ ތިބުމުގެ ސަބަބުން އެ އިމާރާތުގައި ދިރިއުޅޭ އެެހެން މީހުންނަށް އުނދަގޫވާތީ އެކަން ވެސް ނުކުރުމަށް ސަލްމާން ވަނީ އާއްމުންގެ ކިބައިން އެދިފަ އެވެ.
ސަލްމާންގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ އެ ހާދިސާއަށްފަހު އެ އާއިލާއަށް އެއްވެސް އަސަރެއް ނުކުރާ ކަމަށް ބުނުމަކީ ދޮގަކަށް ވާނެ ކަމަށާއި އެހެން ނަމަވެސް އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކައިގެން ހަމަލާ ދިން މީހުންނަށް ދޭން ނުޖެހޭ ސަމާލުކަން ދޭން ބޭނުންނުވާ ކަމަށެވެ.
އާދީއްތަ ދުވަހުގެ ހަމަލާ ދިން ދެ މީހުން މިހާރު މުމްބާއީގެ ފުލުހުން ހައްޔަރު ކޮށްފައިވާއިރު އެއީ ގޭންގް ލީޑަރެއް ކަމަށްވާ ލޮރެންސް ބިޝްނޯއީއަށް މަސައްކަތް ކޮށްދޭ ބައެއްކަން މިހާރު ވަނީ އެނގިފަ އެވެ.
ލޮރެންސް ބިޝްނޯއީއަކީ 1999 ވަނަ އަހަރު ސަލްމާންއާ ދެކޮޅަށް އުފުލި ބްލެކް ބަކް މަރާލުމުގެ މައްސަލާގައި އޭނާއަށް މަރުގެ އިންޒާރު ދިން ގޭންގު ލީޑަރެކެވެ.