ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެންމެ ކާމިޔާބު ބޮލީވުޑް ތަރިއެއްގެ ގޮތުގައި ދީޕިކާ ޕަޑުކޯން ފާހަގަކޮށްލެވެ އެވެ.

ގިނަ ބައެއްގެ ލޯބި ދީޕިކާ ހޯދާފައިވާއިރު، ފޭނުން އަބަދުވެސް ދީޕިކާގެ އެކި އެކި މައުލޫމާތުތައް ހޯދުމަށް މަސައްކަތް ކުރެ އެވެ. ހަމައެހެންމެ އޭނާގެ ކާމިޔާބީގެ ފަހަތުގައި ފޮރުވިފައިވާ އާދަތައް ފޭނުން ބަލަން ބޭނުންވެ އެވެ.

އެގޮތުގެ މަތިން ދީޕިކާގެ ދުވަސް ފެށުމަށްޓަކައި އޭނާ ކުރަނީ ކޮން ކަމެއްތޯ ފޭނުން ދީޕިކާ ގާތުގައި އަހާފައިވެ އެވެ. މި ސުވާލަށް ދީޕިކާ ޖަވާބުދީފައިވާއިރު، އޭނާގެ ދުވަސް ފެށުމަށްޓަކައި، ކޮންމެ ދުވަހަކުވެސް ލިސްޓެއް ހަދާކަމަށް ދީޕިކާ ވަނީ ބުނެފަ އެވެ.

ދީޕިކާ ބުނިގޮތުގައި އޭނާ ލިސްޓު ހަދަނީ ދުވަހާއި ގުޅިގެން ކުރަން ޖެހޭ ކަންކަން އޭގެ ތަރުތީބުން ލިޔެގެންނެވެ. އެކަމުގެ ސަބަބުން އޭނާގެ ދުވަހުގެ ޝެޑިއުލް އޮތް ގޮތް ބަލައި، ނިންމަން ޖެހޭ ކަންކަން ނިންމުމަށް ފަސޭހަވެގެންދާކަމަށް އޭނާ ހާމަކުރެ އެވެ.

ދީޕިކާ އިތުރަށް ބުނިގޮތުގައި ދުވަހުގެ ތާވަލެއް އެފަދައިން ލިސްޓު ކުރުމުގެ ސަބަބުން، އޭނާއަށް ކަންކަން ހަނދާން ނެތުމުން ދުރުކޮށްދެ އެވެ. އަދި ކުރިއަށް އޮތް މަސައްކަތަށް ތައްޔާރުވުމަށް އެހީތެރިވެދޭކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

ދީޕިކާ އަކީ ބޮލީވުޑްގައި ވިދަމުންދާ ތަރިއެއްގެ ގޮތުގައި އާންމުން ސިފަކޮށްފައިވާއިރު، އޭނާ ވަނީ ކާމިޔާބު އެތައް ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފަ އެވެ. ހަމައެހެންމެ ގިނަ ބަޔަކަށް އެންމެ ކަމުދާ އެއް އެކްޓްރެސްއެއްގެ ގޮތުގައި އަދިވެސް ދީޕިކާ ވާކަން ފާހަގަކޮށްލެވެ އެވެ.