ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް، މިއަދު އައްޔަންކުރައްވައިފި އެވެ.

މޭޖަ ޖެނެރަލް ހިލްމީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަން ކުރީ، ކުރިން އެ މަގާމުގައި ހުންނެވި ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަހީމް އިއްޔެ ރިޓަޔާކުރެއްވުމުންނެވެ.

މޭޖަ ޖެނެރަލް ހިލްމީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަން ކުރައްވައި، އެކަމުގެ ލިޔުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މީގެ އިތުރުން ސިފައިންގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) އިން ސިފައިންގެ އެންމެމަތީ ވެރިޔާއަށް ލިބިދޭ ބާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، މިއަދު ވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މއ. ސެކަންޑް ޕްލޭސް، ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޣިޔާސް އައްޔަންކުރައްވާފަ އެވެ.