މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ ޝަކުވާ ހުށަހަޅަން އެމްޑީޕީން ނަމްބަރެއް ތައާރަފްކޮށްފި އެވެ.

އެމްޑީޕީން ތައާރަފް ކުރި ނަންބަރަކީ 7391637 އެވެ.

މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ އިރު، މިހާތަނަށް އައިއިރު މާ ބޮޑެތި މައްސަލަތަކެއް ފާހަގަ ކުރެވިފައެއް ނުވެ އެވެ. މި އިންތިހާބުގެ ސަލާމަތީ ކަންކަން ފުލުހުން ދަނީ ބަލަހައްޓަމުންނެވެ.

މިފަހަރުގެ އިންތިހާބުގައި އެމްޑީޕީން 89 ދާއިރާއަކަށް ވާދަކުރެ އެވެ. މަޖިލިހުގެ އިންތިހާބުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރާނެ އެވެ. މިހާތަނަށް އައިއިރު އިންތިހާބުގައި ލައްކައެއްހާ މީހުން ވޯޓުލާފައިވެ އެވެ.

ވިހި މަޖިލިހަށް 93 މެމްބަރުން އިންތިހާބު ކުރުމުގެ ވޯޓުލުން ހެނދުނު ފަށާފައިވާ އިރު، މިއަދު ހަވީރު 5:30 ވަންދެން ވޯޓުލުން ކުރިއަށް ދާނެ އެވެ. މިފަހަރުގެ އިންތިޚާބުގައި 602 ވޯޓު ފޮއްޓެއް ބަހައްޓާފައިވެ އެވެ. މިގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށާކާއި، 34 ރިސޯޓް، ޖަލުތަކާއި ސިނާއީ ރަށްތައް އަދި ރާއްޖެއިން ބޭރުގެ ތިން ގައުމެއްގައި ވޮޓު ފޮށި ބަހައްޓާފައިވެ އެވެ.

މިފަހަރުގެ އިންތިޚާބުގައި ރާއްޖޭގެ 93 ދާއިރާއަކަށް ޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.