މިއަދު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެރިކަންކުރާ ޕީއެންސީ އިން ހޯދައިފި އެވެ.
މީގެ ފަސް އަހަރު ކުރިން އެމްޑީޕީން 65 ގޮނޑި ކާމިޔާބުކުރި ނަމަވެސް މިފަހަރު ކުރިމަތިލާން ޖެހުނީ ބޮޑު ނާކާމިޔާބަކާ އެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ޕާޓީއަށް މިހާތަނަށް ލިބިފައިވަނީ އެންމެ 12 ގޮނޑި އެވެ. މަޖިލީހުގައި އެތައް ދައުރެއް ހޭދަކުރެއްވި އެމްޑީޕީގެ ސީނިއާ މެމްބަރުންގެ ތެރޭގައި ހިމެނޭ މުހައްމަދު އަސްލަމާއި މުހައްމަދު ރަޝީދު (ބިގޭ) މުހައްމަދު ފަލާހުއަށް ވެސް މި އިންތިހާބު ވަނީ ނާކާމިޔާބުވެފަ އެވެ.
ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، ޕީއެންސީން ވަނީ 71 ގޮނޑި ކާމިޔާބުކޮށްފަ އެވެ.
ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރާ އެކު، 20 ވަނަ މަޖިލީހަށް އިންތިހާބު ކުރާ 93 މެމްބަރުންގެ ސުޕަ މެޖޯރިޓީ ނުވަތަ ހަތަރު ބައި ކުޅަ ތިން ބައި ހޯދަން ބޭނުން ވަނީ 70 ގޮނޑި އެވެ. މިއަދު އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންގެ ތެރޭގައި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ކާނަލް މުހައްމަދު ނާޒިމްގެ އެމްއެންޕީ އަށް އެއް ގޮނޑި އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭ އިން ވެސް ވަނީ ދެ ގޮނޑި ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން ހަ މީހަކު ވަނީ އިންތިހާބު ކާމިޔާބުކޮށްފަ އެވެ.
ނަވާރަ ވަނަ މަޖިލީހާ އަޅާބަލާއިރު، ގިނަ ދާއިރާތަކުގެ ނަތީޖާ ވަނީ ވަރަށް ބޮޑަށް ޕީއެންސީއަށް އެނބުރިފަ އެވެ. ހާއްސަކޮށް މާލެ، އައްޑޫ، ފުވައްމުލަކު އަދި ކުޅުދުއްފުށިން ވެސް ޕީއެންސީން ވަނީ ބޮޑު އަޣުލަބިއްޔަތެއް ހޯދައިފަ އެވެ. މީގެ ކުރިން މާލެ، އާއި ފުވައްމުލައް އަދި އައްޑޫގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީންނެވެ.
އެމްޑީޕީން ވަކިވެވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ޑިމޮކްރެޓްސްއަށް އެއްވެސް ގޮނޑިއެއް ކާމިޔާބުވެފައެއް ނުވެ އެވެ. އެމްޑީޕީން ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީއަށް ވެސް މި އިންތިހާބުގައި އެއްވެސް ގޮނޑިއެއް ނުލިބެ އެވެ.