މީގެ އަހަރުތަކެއް ކުރިއަށް ބަލާލާއިރު އަންހެން ކުއްޖަކު ހައިޟުވެ ޝަރުއީ ގޮތުން ބާލިޣުވާ އުމުރު ކަމުގައި އާއްމުކޮށް ވެފައިވަނީ ފުރާވަރުގެ އުމުރުތަކެވެ. އެއީ އުމުރުން 11 އަހަރާއި 16 އަހަރާ ދެމެދެވެ.

އެހެން ނަމަވެސް މިފަހަކަށް އައިސް އަންހެން ކުދިން ހައިޟުވާ އުމުރު އަންނަނީ އަވަސް ވަމުންނެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާރު އަންހެން ކުދިން ހައިޟުވާ އެވްރެޖް އުމުރަކީ 10 އަހަރެވެ.

މިކަމުގެ ސަބަބުތަކާ ބެހޭ ގޮތުން ކަމުގެ ތަޖުރިބާކާރުން ބުނެފައިވަނީ އަންހެން ކުދިން ހައިޟުވާ އުމުރު އަވަސް ވުމުގައި ސިއްހީ އަދި އިޖުތިމާއީ ކަންތައްތަކެއް ހިމެނޭ ކަމަށެވެ.

އެގޮތުން ބަލާއިރު ބޮޑުވަމުން އަންނައިރު ހަށިގަނޑު މާ ފަލަކޮށް ހުރުން (އޮބީސިޓީ)އާއި ކެއިންބުއިމުގައި އާއްމުކޮށް އެއްގަމު މަސް ބޭނުން ކުރުމަކީ މިކަމުގެ މައިގަނޑު އެއް ސަބަބު ކަމަށް ސައިންސްވެރިން ފާހަގަކުރެ އެވެ.

މީގެ އިތުރުން އާއިލާއާއި މުޖުތަމައު ތެރޭގައި އުޅޭ އުޅުމުގައި ފިރިހެނުންނާއެކު ގިނައިން އުޅުމަކީ ވެސް ހައިޟުވާ އުމުރު އަވަސްވާން މެދުވެރިވާ ކަމެކެވެ.

ހައިޟުވާ އުމުރު އަވަސް ވަމުން އަންނައިރު އަންހެން ދަރިން މިކަމަށް ހޭލުންތެރިކޮށް ރަނގަޅު މައުލޫމާތު ދިނުމަކީ މިއަދު ވަރަށް މުހިއްމު ކަމެކެވެ.