ކުރީ ޒަމާނުގައި ކޭންތަކުގައި ބޭނުންކުރެވޭ މަލާފަތާއި، މާ ޓުކުރިއަކީ ދިވެހިންނާ ވަރަށް ރަށްޓެހި، ދިވެހީންގެ އަމިއްލަ އުފެއްދުންތަކެކެވެ. އެ ތަކެތި އުފެއްދުމަށް ލަކުޑި ގަނޑެއް ދިގުހަރުގައި އަޅައިގެން ލިޔާކޮށްޓަކުން ކޮށައި މަށައި އެއަށް ސިފަގެނެ އެވެ. ދެން އޭގައި ލާ ޖަހަ އެވެ.
އޭރު ލާޖެހުމުގެ އެންމެ ބޮޑު ބޭނުމަކީ ލަކުޑި ހަލާކުވުން ކުޑަކުރުމަށާއި ޒީނާތްތެރިކުރުމަށެވެ. މިއީ އެންމެ އިހު ޒަމާނުއްސުރެ ދިވެހިން ލިޔެލާ ޖެހުމުގެ މަސައްކަތް ކުރަމުން އައިގޮތެވެ. ޗައިނާގެ ވިޔަފާރި ވެރިންނާ، ވޯރާ ވިޔަފާރި ވެރިންގެ ފަރާތުން ރާއްޖެއަށް ތައާރަފުވި މި މަސައްކަތުގެ އެންމެ މަޝްހޫރު މީހުން ތިބީ ބ. ތުޅާދޫގަ އެވެ. ނަމަވެސް މި ފަންނުވެރި މަސައްކަތައް ހިޔަނިއެޅެން ފެށުނީ ރިސޯޓު ވަޒީފާތަކަށް ދިވެހިން ދާން ފެށި ހިސާބުންނެވެ.
ލިޔެލާޖެހުމަކީ ގިނަ ވަގުތު ހޭދަކޮށްގެން ކުރެވޭ ކަވި މަސައްކަތައް ވެފައި، އުފައްދާ ތަކެއްޗަށް އެޒަމާނުގަ ރަނގަޅު އަގެއް ނުލިބުމަކީ މީހުން މި މަސައްކަތާ ގަޔާނުވި ސަބަބެވެ. މިއަދު އެ މަސައްކަތައް އޮތް ޑިމާންޑް ބޮޑެވެ. ލިބޭ އާމްދަނީ ވެސް ބޮޑެވެ. ނަމަވެސް ތުޅާދޫގައި އެ މަސައްކަތް މިހާރު ކުރަނީ މަދު ބައެކެވެ.
ތުޅާދޫ އަށް އުފަން އަހުމަދު ޝިފާއު 42، އަކީ ލިޔެލާޖެހުމުގައި އެންމެ ޒަމާނީ ވަސީލަތްތަށް ބޭނުންކޮށްގެން އެމަސައްކަތް ދިރުވައި އާލާކުރާ މަދުބައެއްގެ ތެރޭގައި ގުނާލެވޭ މީހެކެވެ. އޭނާގެ ބައްޕައަކީ ހުރިހާ ވައްތަރެއްގެ މަސްބާނާ ބުޅި ހެދުމަށް މަޝްހޫރު މީހެކެވެ. ބައްޕަގެ މަސައްކަތުގެ ތެރޭގައި އުޅެ ބޮޑުވި ނަމަވެސް ޝިފާއު ޚިޔާރުކުރީ އޭނާގެ ރަށް، އެ މަސައްކަތަކަށް މަޝްހޫރުވެފައިވާ ލިޔެލާ ޖެހުމުގައި ކުރިއަށް ދިއުމަށެވެ.
ފުރަތަމަ ފެށީ ވަރަށް އާދައިގެ ގޮތަކަށް
ޝިފާއު ފުރަތަމަ ވަޒީފާއަދާކުރީ ރިސޯޓެއްގަ އެވެ. އޭނާ ރިސޯޓުވަޒީފާއިން ވަކިވެ ރަށަށް ބަދަލުވުމުގެ ވިސްނުން ހުންނާތީ، ރިސޯޓުގައި އުޅެމުން ލިޔެލާޖެހި ތަކެތި ސޯޝަލް މީޑިއާގައި މާކެޓްކޮށް ހެދި އެވެ.
"ދެހާސް ސޯޅަ ވަނަ އަހަރު އަޅުގަނޑު ވެސް ފުރަތަމަ މިމަސައްކަތް ފެށީ 'ބްރޯކާ' އެއްގެ ގޮތުގައި. މީހުން އަތުން ގަނެގެން ޝޯޝަލް މީޑިއާ މެދުވެރިކޮށް އާންމު ރައްޔިތުންނަށް ވިއްކަންފެށީ،" ޝިފާއުގެ މަސައްކަތް ފެށުނު ގޮތް ކިޔައިދިނެވެ.
އޭގެ ސަބަބުން ފޮލޯވާސް އިތުރުވެ މި މަސައްކަތަށް އޮތް ތަރުހީބު އިތުރުވި އެވެ. ލިޔެލާ ޖެހުމުގެ ވިޔަފާރީގެ ތެރެއަށް އޭނާގެ މިސްރާބު ބަދަލުވާން ފެށީ އެ ހިސާބުންނެވެ.
އޭނާ ސޯޝަލް މީޑިއާއަށް ދޫކޮށްލާ ފޮޓޯތަކަށް ލިބެން ފެށި ތަރުހީބު އިތުރުވި ނަމަވެސް އޭނާ ބުނާގޮތުގައި ގިނަ ފަހަރަށް އޮންނަނީ 'ކަސްޓަމާ'ގެ ޑިމާންޑާ އެއްވަރަށް ތަކެތި ފޯރުކޮށް ނުދެވިފަ އެވެ.
ދެހާސް ނަވާރަވަނަ އަހަރު ރިސޯޓް ވަޒީފައިން ވަކިވި ހިސާބުން އަމަލީގޮތުން ލިޔެލާޖެހުމުގެ ތެރެއަށް އޭނާ ވަނެވެ. އަމިއްލަ ވިޔާފަރި ފެށުމަށް 'އެމްވީ ލެކުއާ' ކިޔާ އޮންލައިން ޕޭޖެއް ރަޖިސްޓްރީ ކުރި އެވެ. އަދި އަމިއްލައަށް ތަކެތި އުފަންދަން ފެށީ ޒަމާނީ މެޝިނެރީ ބޭނުންކޮށްގެނެވެ. ބޭނުމަކީ މަސައްކަތުގެ ސްޕީޑް އަވަސް ކުރުމެވެ.
"އާންމުކޮށް މިހަދަނީ ގަލަން، ގަތާފައި، ފޯލި، ޗެސް، ކީޓެގް. ޑިމާންޑް ބޮޑަށް އޮންނަ އެއްޗަކަށް ބަލާފައި ހަދަނީ،" ޝިފާއު ބުންޏެވެ. އެނޫން އެއްޗަކަށް އޯޑަރެއް އައިނަމަވެސް އެއެއްޗެއް މީހަކު ލައްވައި ހައްދައިގެން ނަމަވެސް ކަސްޓަމާއަށް ފޯރުކޮށްދިނުމަކީ އޭނޭ ވަރަށް ބޮޑު އުފަލެކެވެ.
ކުރަނީ ވަރަށް ކަވި ބުރަ މަސައްކަތެއް
ލިޔެ ލާޖެހުމަކީ ވަރަށް ބުރަ މަސައްކަތެކެވެ. ލާ ހަދަން ބޭނުން ކުރާ ރޯމެޓީރިއަލް ގެންނަނީ ލަންކާ އިންނާ އިންޑިއާ އިންނެވެ.
"ލާޖެހޭނެ ދަގަޑުގައި ވެސް، ބިއްލޫރީގައި ވެސް، އަދި ލަކުޑީގައި ވެސް. މައިގަޑު ގޮތެއްގައި ލާ ޖަހަނީ ލަކުޑީގައި،". ޝިފާއުގެ ބުންޏެވެ.
ރާއްޖޭގައި އެންމެ ބޮޑަށް ބޭނުންކުރަނީ ފުނަ، އުނި، ކާނި އަދި ހިރުނދު ގަހުގެ ލަކުޑި އެވެ. އޭގެ ތެރެއިން ޝިފާއު އެންމެ ގިނައިން ބޭނުންކުރަނީ ކުދިލުނބޯ ގަހުގެ ލަކުޑި ކަމަށް އޭނާ ބުންޏެވެ. އެއީ ކުދިލުނބޯ ގަހުގައި ހުންނަ ކުދި ދަނޑިން އޭނާއަށް ކީޓެގް ފަދަ ކުދި އެއްޗެހި ހަދަން ފަސޭހަ ވީމަ އެވެ. އުނި ގަހުގެ ލަކުޑިއާއި ކާނި ގަހުގެ ލަކުޑިން އާންމުކޮށް ހަދަނީ ގަލަންލާ ދަޅު ފަދަ އެއްޗެއްސެވެ.
"ލަކުޑިގަޑު ބޭނުންވާ ޝޭޕަކަށް ކޮށާ މެށުމަށްފަހު ކަސްޓަމާ ބޭނުންވާ ކުލައެއްގެ ލާ ޖަހަނީ. އާންމު ކޮށް ބޭނުން ކުރަނީ ރަތް ކުލަ އާއި ކަޅުކުލަ. ބަތާނައަކަށް ޖަހަނީ ރިއްސެޔޮ (ރީނދޫ ކުލާގެ ފަށަލައެއް)މ" އޭނާ ކިޔައި ދިނެވެ.
އޭގެ މަތިން ކަޅުކުލަ ޖެހުމަށްފަހު ދެން ކުރެހުން ކަނޑައި ނަގަނީ އެވެ. ލާގަނޑު އެއްވަރު ކުރަން އޭނާ ބޭނުންކުރަނީ ރުކުގެ އިހާގޮނޑި އެވެ. ލާގަނޑު އޮފުކުރަނީ ހިކި ދޮންކެޔޮ ފަތުންނާއި ރުކުގެ ހިކި ބޮންތި ފަނުންނެވެ.
"ރަނގަޅު އޮފެއް ގެނައުމަށްޓަކައި މެޝިން އަނބުރާ ސްޕިޑް ބަހައްޓަނީ ވަރަށް މަޑުން. އޭރުން ރީތި އޮފެއް އަރާނީ،" އެނާ ސާފުކޮށްދިނެވެ.
ކިތަންމެ އުނދަގުލުން ނަމަވެސް މީހުން ހިތްހަމަ ޖެހޭފަދަ އެއްޗެއް އުފެއްދުމަކީ ޝިފާއުގެ އެމެބޮޑު އަމާޒެވެ.
އޭނާ ބުނާގޮތުގައި އެންމެ ގަލަމެއް ލާޖަހައި ނިންމާލަން ބައި ގަޑިއިރު ވަރު ހޭދަވެ އެވެ. މުޅި ދުވާލު މަސައްކަތް ކޮށްގެން ނިންމާ ލެވެނީ ހަ ވަރަކަށް ގަލަމެވެ.
"ގަލަމުގެ ބައި ހަދަނީ ދަގަޑުން. އިހުގެ ގޮތަށް އަތުން ހަނު ދަމައިގެން ނުހަދަން. މިހާރު ބޭނުންކުރަނީ މޯޓާ ލައިގެން އޭގައި ސްޕީޑް ކޮންޓްރޯލް ލައިގެން އެންމެ ޒަމާނީ އާލާތްތައް. ގަލަން ހެދުމަށް ވަކި މެޝިނެއް ބޭނުންކުރަނީ،" ޝިފާއު ކިޔާދިނެވެ.
ކިތަންމެ ޒަމާނީ ގޮތްތަކެއް ބޭނުން ކުރިނަމަވެސް މަސައްކަތުގައި ހޭދަކުރަން ޖެހޭ ވަގުތު ގިނަކަން އޭނާ ފާހަގަ ކުރި އެވެ. ހުރިހާ ވަގުތެއް ހަމައެކަނި މި މަސައްކަތައް ހުސްކުރަން ޖެހުމަކީ މީހުން މިމަސައްކަތަށް ނުނިކުންނަ ސަބަބު ކަމަށް އޭނާ ލަފާކުރެ އެވެ.
މުޅި ތުލާދޫގައި ވެސް އުޅެނީ ލިޔެލާޖެހުމުގެ މަސައްކަތްކުރާ 7 ނުވަތަ 8 އާއިލާ އެވެ. އެހާ ޑިމާންޑް ބޮޑު މަސައްކަތަކަށް މިއީ ވަރަށް ކުޑަ އަދަދެކެވެ.
ޝިފާއު ބުނާގޮތުގައި ދިވެހިން ލާޖަހައިގެން އުފައްދާތަކެތީގެ ފެންވަރު ބޭރު ގައުމުތަކުގައި ލިބެން ހުންނަ އެއްޗެއްސަށް ވުރެ މާރަނގަޅެވެ. ނަމަވެސް ދިވެހި އުފެއްދުން މަދުވާނަމަ 'ފޭކު' ތަކެއްޗާ ދިމާލަށް މީހުން ދާނެ ކަމަށާއި އެއީ މި މަސައްކަތަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އޭނާ ޔަގީން ކުރެ އެވެ.
"ބޭރުގައުމުތަކަށް މިމަސައްކަތް ދައްކާލަން ދާންވެސް ފުރުސަތު ލިބޭ. އެކަމަކު ލިބޭ އޯޑާރުތައް ދޫކޮށްލާފައި ކިހިނެތްތޯ ދާނީ. ގާނައި، ސްޕްރޭ ކުރުމުގައި ވަރަށް އެހީތެރިކަން ބޭނުންވޭ،" ލިޔެ ލާޖެހުމަކީ ފިރިހެނުންނަށް ޚާއްސަ މަސައްކަތެއް ނަމަވެސް އޭނާގެ މަސައްކަތުގައި އެންމެ އެހީތެރިވާ ފަރާތަކީ އޭނާގެ އަންހެނުންކަން ޝިފާއު ވަރަށް އުފަލާއެކު ފާހަގަ ކުރެ އެވެ.
މަސްކަތުގައި ހުރި އުނދަގޫތައް
ކޮންމެ މަސައްކަތެއްގައި ވެސް ދަތި އުނދަގޫ ކަންތައް ހުންނާނެ ފަދައިން ޝިފާއުގެ މަސައްކަތުގައި ވެސް ހުރަސްތަކެއް ހުރިކަން އޭނާ ފާހަގަ ކުރެ އެވެ. ފުރަތަމަ ކަމަކީ ބޭނުންވާ ސާމާނު ނުލިބުމެވެ. ދެވަނަ ކަމަކީ މިމަސައްކަތައް ޝައުގުވެރިވާ މީހުން މަދުކަމެވެ.
"އަޅުގަނޑު ބުނެލަން އޮތީ މީ ވަރަށް ފައިދާހުރި މަސައްކަތެކޭ. ޓްރައިކޮށްލައިގެންނޭ އެނގޭނީ ވެސް، ދަސްކުރަން ބޭނުންވާ މީހުންނަށް ހަމަ މަރުހަބާ ކިޔަމޭ،" އޭނާ ބުނެލި އެވެ.