ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފުލެޓުތަކުގެ ތެރެއިން އެކި ސަބަބުތަކާހުރެ ނުވިކި ބާކީ ހުރި ފުލެޓުތައް ނުވިއްކަން އެޗްޑީސީން ނިންމައިފި އެވެ.

ވިނަރެސް ފްލެޓުގެ ނުވިކި ހުރި 123 ފްލެޓު ވިއްކަން އެޗްޑީސީން މިިދިޔަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު ހުޅުވާލި އެވެ. އެ ދުވަހު ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި ގިނަ ބަޔަކަށް ފޯމު ހުށަނޭޅުމުން, ގިނަ ބަޔަކު އެކަމުގެ ޝަކުވާކުރި އެވެ.

އެ ޝަކުވާތައް ބެލުމަށްޓަކައި އެޗްޑީސީން ވަނީ ފްލެޓްތައް ވިއްކުން މަޑުޖައްސާލައިފަ އެވެ. ޕޯޓަލްއަށް މައްސަލަ ދިމާވެ, ގިނަ ބަޔަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ނުލިބުނު ކަމަށް ބުނެ އެޗްޑީސީން މިއަދު ވަނީ ކުރިން ހުށަހެޅި ފޯމުތައް ބާތިލުކޮށްފަ އެވެ. އަދި އިތުރަށް ވިނަރެސް ފްލެޓް ނުވިއްކާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ފްލެޓްތައް ނުވިއްކަން ނިންމީ ހުޅުމާލޭގައި ފްލެޓް އިމާރާތް ކުރުމަށް ފަށާފައިވާ އެކިއެކި މަޝްރޫއުތަކުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކައި, ފްލެޓު ނުލިބި ތިބި ފަރާތްތަކަށް ހައްލު ހޯދައިދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

ވިނަރެސް ފްލެޓްތަކުގެ މަޝްރޫއަކީ ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ވިނަރެސް މަޝްރޫއުއެވެ. ވިނަރެސްގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1344 އެޕާޓްމަންޓް ހުރެ އެވެ.