އެމެރިކާގެ ނިޔު މެކްސިކޯގައި ލައިސަންސް ނެތް ސްޕާއެއްގައި ކޮސްމެޓިކް "ވެމްޕަޔާ ފޭޝަލް" ޕްރޮސީޖާ ހެދި ތިން އަންހެނަކަށް އެޗްއައިވީ ޖެހިފައިވާ ކަމަށް އެ ސްޓޭޓްގެ ފެޑެރަލް ހެލްތު އޮފިޝަލުން ބުނެފި އެވެ.
މިއީ ކޮސްމެޓިކް ޕްރޮސީޖާއެއްގެ ހިދުމަތް މެދުވެރިކޮށް އެޗްއައިވީ ޓްރާންސްމިޝަން ޑޮކިއުމެންޓް ކުރެވުނު ފުރަތަމަ ފަހަރު ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. އަދި މި މައްސަލައިގެ ތަހުގީގުގައި ކޮންޓެމިނޭޝަންގެ އަސްލު ސަބަބު އަދިވެސް ދެނެގަނެވިފައި ނުވާ ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
ސްޕާ އިންސްޕެކްޓް ކުރުމުން ސްޕާގެ ބަދިގެ ކައުންޓަރުގައި ލޭބަލްކޮށްފައި ނުވާ ލޭގެ ޓިއުބްތަކާއި، ފްރިޖުގައި ކާނާއާ އެކު ބަހައްޓާފައި ހުރި އެހެން ޓިއުބްތަކާއި ދަބަހާއި ކުނި ކޮތަޅުތަކުގައި ފޮރުވާފައި ހުރި ސިރިންޖުތައް ވެސް ވަނީ ފެނިފައި ކަމަށް އެފަރާތްތަކުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން މި ސްޕާއިން ސިންގަލް ޔޫސް އަށް ބޭނުންކުރާ ޑިސްޕޯސަބަލް އިކުއިޕްމަންޓަތައް އަލުން ބޭނުން ކޮށްފައިވާކަން ވެސް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
ވެމްޕަޔަ ފޭޝަލް ނުވަތަ "ޕްލޭޓްލެޓް- ރިޗް-ޕްލާސްމާ މައިންރޯނީޑްލިން" އަކީ މީހާގެ އަމިއްލަ ލޭ ނަގައިގެން ޕްލެޓްލެޓް އެކުލެވޭ ޕްލާޒްމާ ވަކިކުރުމަށް ސެންޓްރިފިއުޖެއްގައި ބެހެއްޓުމަށް ފަހު, ވަކިކުރެވޭ ޕްލާސްމާ ސިރަމްއަކަށް ބޭނުންކޮށްގެން ކުރު ނީޑްލް ޑިވައިސްއަކުން ހަދާ ކޮސްމެޓިކް ޕްރޮސީޖާ އެކެވެ.
މި ފޭޝަލް ހެދުމުން ހަންގަނޑުގެ ކޮލާޖަން ޕްރޮޑަކްޝަން އަވަސް ކޮށްދެ އެވެ. އަދި މީގެ ސަބަބުން ހަންގަނޑުގެ އޮމާންކަން ރަނގަޅުކޮށްދެ އެވެ. މި ފޭޝަލް ބޮޑަށް މާކެޓް ކުރަނީ އެކްނީ ސްކާ ފިލުވުމަށާއި ފައިން ލައިން ނުވަތަ މޫނުގައި ހުންނަ ރޫތައް އޮމާން ކޮށްދޭ ފޭޝަލްއެއްގެ ގޮތުގަ އެވެ.
ވެމްޕަޔަ ފޭޝަލް ނުވަތަ "ޕްލޭޓްލެޓް- ރިޗް-ޕްލާސްމާ މައިންރޯނީޑްލިން" އަކީ މިހާރު ރާއްޖޭގައި ވެސް ހެދޭ ޕްރޮސީޖާ އެކެވެ. މި ޕްރޮސީޖާ މާލޭ ސަރަހައްދުގެ ޕްރައިވެޓް ހޮސްފިޓަލްތަކުންނާއި ކްލިނިކްތަކުން އަދި ބައެއް ސެލޫންތަކުން ވެސް ހެދެ އެވެ.