ށ. ފުނަދޫގައި ސިހުރު ހެދި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނެފައި ވަނީ ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރާކަން ބުނުން ފިޔަވައި އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ފުނަދޫގެ ބައެއް މީހުން ބުނި ގޮތުގައި ހައްޔަރު ކުރި މީހާއަކީ މިދިޔަ މަޖިލިސް އިންތިހާބުގައި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު ހައްމަދު މަމްދޫހު (މަންޑޭ) އަށް ސިހުރު ހަދަން މަސައްކަތް ކުރި މީހެކެވެ.
އެމީހާގެ ބަންދާ މެދުގައި ގޮތެއް ނިންމަން ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ވަނީ ހާޒިރުކޮށްފަ އެވެ.
މިކަމުގެ އަޑީގައި ހުރީ ފުނަދޫ ކައުންސިލްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު އިބްރާހިމްފުޅު ކަމަށް އެ ރަށުގެ ރައްޔިތުން ވަނީ ތުހުމަތުކޮށްފަ އެވެ.
އެކަމަކު، އެ ތުހުމަތުތައް އަހުމަދު ވަނީ ދޮގު ކުރައްވައިފަ އެވެ. އަހުމަދާ ދެކޮޅަށް އެ ރަށުގައި މިހާރު ދަނީ މުޒާހަރާ ވެސް ކުރަމުންނެވެ.