ށ. ފުނަދޫގައި ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ބަންދު ކުރަން ކޯޓުން އަމުރުކޮށްފި އެވެ.

ފުލުހުން ބުނީ ސިހުރު ހެދި ކަމުގެ ތުހުމަތުގައި މިއަދު ހައްޔަރު ކުރި 60 އަހަރުގެ ދިވެހި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފުނަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ފުނަދޫގެ ބައެއް މީހުން ބުނި ގޮތުގައި ހައްޔަރު ކުރި މީހާއަކީ މިދިޔަ މަޖިލިސް އިންތިހާބުގައި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު ހައްމަދު މަމްދޫހު (މަންޑޭ) އަށް ސިހުރު ހަދަން މަސައްކަތް ކުރި މީހެކެވެ.

މިކަމުގެ އަޑީގައި ހުރީ ފުނަދޫ ކައުންސިލްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު އިބްރާހިމްފުޅު ކަމަށް އެ ރަށުގެ ރައްޔިތުން ވަނީ ތުހުމަތުކޮށްފަ އެވެ.

އެކަމަކު، އެ ތުހުމަތުތައް އަހުމަދު ވަނީ ދޮގު ކުރައްވައިފަ އެވެ. އަހުމަދާ ދެކޮޅަށް އެ ރަށުގައި މިހާރު ދަނީ މުޒާހަރާ ވެސް ކުރަމުންނެވެ.