ނިއު ދިއްލީ (މެއި 11) - ކޮރަޕްޝަނާ ދެކޮޅަށް އިންޑިއާގައި މަސައްކަތްކޮށް އާއްމުންގެ ބޮޑު މަގްބޫލް ކަމެއް ލިބި، އެންމެ ފަހުން ވެރިރަށް ދިއްލީގެ ޗީފް މިނިސްޓަރުކަން ވެސް ހޯއްދަވާފައިވާ އަރްވިންދު ކެޖްރިވާލަށް، ކޮރަޕްޝަނުގެ ކުށުގައި ޖަލުގައި ދުވަސްތަކެއް ހޭދަކުރަން ޖެހިއްޖެ އެވެ.

މިދިޔަ މާޗު މަހު ކެޖްރިވާލް ހައްޔަރުކުރީ ރާވިއްކަން އޮންނަ އުސޫލާ ޚިލާފަށް، ބައެއްގެ އަތުން ނާޖާއިޒް ފައިދާ ހޯދައިގެން ހުއްދައެއް ދިންކަމުގެ ތުހުމަތުގަ އެވެ. އޭގެ ފަހުން އޭނާ ހުންނަވަން ޖެހުނީ ޖަލުގަ އެވެ. ނަމަވެސް އިންޑިއާގެ އެންމެ މަތީ ކޯޓުން އިއްޔެ ވަނީ ކަފާލާތުގެ ދަށުން ޖޫން 1 ވަނަ ދުވަހާ ހަމައަށް ކެޖްރިވާލް ދޫކޮށްލައިފަ އެވެ. މި މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދިޔައީ ދިއްލީގެ ހައި ކޯޓުން ކެޖްރިވާލް އަށް ކާފާލާތު ދިނުމަށް މިދިޔަ މަހު ދެކޮޅު ހެދުމުންނެވެ. ކެޖްރިވާލްގެ ކަފާލާތާ ދެކޮޅަށް އިންޑިއާގެ ފައިނޭންޝަލް ކްރައިމް އެޖެންސީން ވަނީ ވަރަށް ބޮޑަށް ކޯޓުގައި ވަކާލާތު ކޮށްފަ އެވެ.

ކެޖްރިވާލް، ކަމާބެހޭ ފަރާތްތަކާ ހަވާލުވާން ކޯޓުން އަންގާފައި ވަނީ އިންޑިއާގައި މިހާރު ކުރިއަށްދާ އާއްމު އިންތިޚާބުގެ ވޯޓުގެ ނަތީޖާ އިއުލާން ކުރުމުގެ ދެ ދުވަސްކުރިންނެވެ. މާޗް 21 ގައި ކެޖްރިވާލް ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ އާއްމު އިންތިޚާބުގެ ތާރީޚުތައް އިއުލާން ކުރިތަނާ ހެންނެވެ.

ކެޖްރިވާލް ނިސްބަތްވާ އާއްމް އާދުމީ ޕާޓީން ބުނެފައި ވަނީ މިއީ ސިޔާސީ ގޮތުން ކޮށްގެން އުޅޭ ކަމެއް ކަމަށެވެ.

ކެޖްރިވާލް ބަންދުކުރި ނަމަވެސް ޖަލުގައި ހުންނަވައިގެން ވެސް އޮފީސް ހިންގެވުމުގެ ކަންތައް ކުރައްވާ ކަމަށް އެ ޕާޓީން ބުނެ އެވެ.

ކޯޓުން ބުނެފައި ވަނީ ކެޖްރިވާލަށް ދިން ކަފާލާތުގެ މުއްދަތުގައި އޭނާ އަށް އިންތިޚާބަށް ކެމްޕޭން ވެސް ކުރެއްވޭނެ ކަަމަށެވެ.