މިދިޔަ ހޯމަ ދުވަހު، ޖޯޖިއާގެ ޕާލަމެންޓުގެ ބޭރުގައި ކިޔަވާ ކުދިން އެއްވެ މުޒާހަރާ ކުރަމުން ގެންދިޔައީ، ޕާލަމެންޓުން ފާސްކުރަން އުޅުނު ބިލަކާ ބެހޭ ގޮތުން ނުރުހުން ފާޅު ކުރުމަށެވެ.

ޒުވާނުންނާއި ކިޔަވާ ކުދިން މަސައްކަތް ކުރަމުން ދިޔައީ ސަރުކާރު ހިންގާ ޕާޓީގެ މެނަބަރުން ޕާލަމެންޓުގެ އިމާރާތަށް ވަނުމަށް ފުރުސަތު ނުދިނުމަށެވެ. ދެތިން ދުވަސްވަންދެން ކުރިޔަށް ދިޔަ މުޒާހަރާ އެންމެ ހޫނުވެގެން ދިޔަ ވަގުތު ފުލުހުން މުޒާހަރާގެ ބައިވެރިންނާ ދިމާ ކޮށްލި އެވެ. ކަރުނަ ގޭސް ބޭނުންކޮށް ބައެއް މީހުން ހައްޔަރު ކުރަން ފެށި އެވެ. އެވަގުތު ޕާލަމެންޓުގެ މެންބަރުން އެތެރެއަށް ދެމިގަތެވެ. ދެމިގަތް ގޮތަށް ކޮމިޓީ މަރުހަލާގައި ފާސްކުރަން ޖެހިފައި އޮތް ބިލު އެންމެ 67 ސިކުންތުގެ ތެރޭގައި ފާސްކުރުމަށްފަހު އެދުވަހަށް މަސައްކަތް ނިންމާލީ އެވެ.

ޔޫރަޕިއަން ޔޫނިއަނުންނާއި އެމެރިކާގެ ކަންބޮޑު ވުމާއެކު ޖޯޖިއާގެ ޒުވާނުންނާއި ކިޔަވާ ކުދިން އެ ބިލަކާ ދެކޮޅަށް ތެދުވެގެން އުޅޭ ބިލަކީ އެގައުމުގެ މީޑިއާތަކާއި އަމިއްލަ ޖަމްއިއްޔާތަކަށް ބޭރުން ފައިސާގެ އެހީ ލިބޭނަމަ އަމަލުކުރަން ޖެހޭ ގޮތަކާ ބެހޭ ގާނޫނެކެވެ. ގާނޫނުގައި ވާގޮތުން ނޫސް އެޖެންސީތަކާއި އަމިއްލަ ޖަމިއިއްޔާތަކަށް މާލީ އެހީގެ ގޮތުގައި ބޭރުން ފައިސާ ލިބޭނަމަ އެލިބޭ މިންވަރަކާ ބެހޭ މައުލޫމާތު ހާމަކުރަންވާނެ އެވެ. މީޑިއާ ނުވަތަ ޖަމިއްޔާގެ މުޅި އާމްދަނީގެ 20 ޕަސެންޓަށް ވުރެ ގިނައީ ބޭރުން ލިބޭ ފައިސާ ކަމަށްވާނަ އެޖަމާއަތެއް ކަނޑައެލޭނީ ބޭރުގެ އެޖެންޓެއް ކަމަށެވެ.

ބިލާމެދު ސަރުކާރުން ބުނަނީ އެބިލުގެ ސަބަބުން ޓްރާންސްޕޭރެންސީ އިތުރުވެ، ކަންކަން ހަރުދަނާ ވާނެ އެވެ. އެހެންނަމަވެސް މުޒާހަރާ ކުރާ މީހުންގެ ނަޒަރުގައި އެ ބިލަކީ މީޑިއާތަކާއި އަމިއްލަ ޖަމްއިއްޔާތައް ސަރުކާރުން ކޮންޓްރޯލު ކުރުމަށް މަގު ފަހިކުރުމަށް އެކުލަވާލާ ބިލެކެވެ. އެމީހުން ދެކޭ ގޮތުގައި އެއީ ރަޝިޔާ ސްޓައިލުގެ ބިލެކެވެ. އެބިލުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލި ސަރުކާރުން ނޫސްތައް ކޮންޓްރޯލްކޮށް ސެންސަރު ކުރުމަށް މަގުފަހިވާނެ އެވެ.

ޖޯޖިއާގެ ޒުވާނުންނާއި ކިޔަވާކުދިން ސަރުކާރާ ދެކޮޅަށް ނުކުންނަން ޖެހުނު މައިގަނޑު ސަބަބަކީ ސަރުކާރުން އެކުލަވާލި ބިލަށް ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ހިތްހަމަނުޖެހުމެވެ. އީޔޫ އިން ބުނަމުން އަންނަ ގޮތުގައި އެ ބިލަކީ އީޔޫގެ ހިއުމަން ރައިޓްސް އާއި ފްރީޑޮމް އޮފް އެކްސްޕްރެޝަން ފަދަ ހައްގުތަކާ ފުށު އަރާ ބިލެކެވެ.

ޖޯޖިއާ އަކީ އީޔޫގެ މެންބަރަކަށްވުމަށް މަސައްކަތް ކުރަމުން އަންނަ ގައުމެކެވެ. ޚާއްސަކޮށް އެގައުމުގެ ޒުވާން ޖަނަރޭޝަނުން ޖޯޖިއާ ވީހާ ވެސް އަވަހަކަށް އީޔޫގެ މެންބަރަކަށް ވާން ބޭނުންވެ އެވެ. މިވަގުތު އީޔޫ އިން ޖޯޖިއާއަށް ވަނީ އެޖަމާއަތުގައި ބައިވެރިވުމަށް ހުށަހަޅާ ކެންޑިޑޭޓަކަށް ވުމަށް ފުރުސަތު ދީފަ އެވެ.

ޖޯޖިއާގެ ކެންޑިޑޭސީ ބަލައިގަނެ ފުރިހަމަ މެންބަރަކަށް ވުމަށްޓަކައި އެ ގައުމުގެ ގާނޫނާއި ގަވައިދުގެ އޮނިގަނޑު އީޔޫ އިން ބޭނުންވާ މިންގަނޑުތަކަކަށް ހުންނަން ޖެހެ އެވެ. އަލަށް އެކުލަވައިލި ބިލަކީ އީޔޫގެ ހަމަތަކާ އުސޫލުތަކާ ބީރަށްޓެހި، އެ ޖަމާއަތަށް ފަސޭހައިން ބަލައިގަނެވޭ ފަދަ ގާނޫނެއް ނޫންކަމަށް އީޔޫއިން އަންނަނީ ބުނަމުންނެވެ. ޖޯޖިއާގެ ޒުވާނުން އެބިލާ މެދު އެހާ ކަންބޮޑު ވާސަބަބަކީ އެއީ އެވެ.

ޒުވާނުންނާ ސްކޫލު ކުދިންގެ މުޒާހަރާތަކަށް ބެލުމެއް ނެތި ޖޯޖިއާގެ ޕާލަމެންޓުން އިއްޔެ ވަނީ ބޭރުގެ އެހީއާ ބެހޭ ބިލު ފާސްކޮށްފަ އެވެ. އެއާއެކު އެމެރިކާއިން ވަނީ އެގައުމުން ޖޯޖިއާގެ ޖަމާއަތްތަކަށާއި ނޫސްތަކަށް ދޭ ފައިސާ ދިނުން ހުއްޓާލާނެ ކަމަށް ބުނެފަ އެވެ. އެހެންނަމަވެސް ޖޯޖިއާ ސަރުކާރަށް އެމެރިކާއިން އިންޒާރު ދިނީ އީޔޫއާ ދުރަށް ޖެހި ރަޝިޔާގެ ފަޅިޔަށް ނާރަން ގޮވާލަމުންނެވެ.

އީޔޫ އިން ވެސް ދަނީ އެއިންޒާރު ދެމުންނެވެ. ޕާލަމެންޓުގައި ބިލު އޮތް އިރު ޖޯޖިއާގެ ރައީސް ވިދާޅުވަމުން ގެންދެވީ ބިލު ފާސްކުރިޔަސް ތަސްދީގުނުކުރައްވައި ވީޓޯ ކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް ވެރިކަން ކުރާ ޑްރީމް ޕާޓީ އިން ވަނީ ރައީސަށް ބިލު ތަސްދީގު ކުރަން މަޖުބޫރު ވާވަރަށް ވޯޓު ހޯދައިގެން ބިލު ފާސްކޮށްފަ އެވެ.

ޕާލަމެންޓް ވަށާލައިގެން މުޒާހަރާ ކުރި މީހުންނާއި އީޔޫ އާއި އެމެރިކާގެ އިންޒާރަށް ބެލުމެއް ނެތި ޖޯޖިއާގެ ޕާލަމެންޓުން ފާސްކުރި ބިލާއެކު އެގައުމުގެ މުސްތަގުބަލު ބަދަލުވެގެން ދާނެ ގޮތެއް ނޭނގެ އެވެ. މިވަގުތަށް ބަލާއިރު ޖޯޖިއާ ވަނީ އީޔޫ އާއި ރަޝިޔާއާ ދެމެދު ތާށިވެފަ އެވެ.