މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕެއިންގެ ޓީޝާޓެއް ތުރު ކުރައްވައިގެން ހުއްޓާ އެއްވެސް މީހަކަށް ނުފެންނާނެ ކަމަށް ވިދާޅުވެ، ފޮރިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ ޚަލީލް ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހައްދަވައިފި އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް މިނިސްޓަރު ޚަލީލް ޙާޟިރުވެފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙުމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދިނުމަށެވެ. އިތުރު ސުވާލުގެ ފުރުސަތުގައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް ވަނީ މިނިސްޓަރު ޚަލީލްއާ ސުވާލު ކުރައްވައިފަ އެވެ.

އެގޮތުން އިންޑިއާ އައުޓް ކެމްޕެއިންގެ އިންޑިއާ އައުޓް ޓީޝާޓް ތުރު ކުރައްވައިގެން ޚަލީލް ހުންނެވިތޯ އާއި، އިންޑިއާ އާއެކު އެއްވެސް ގުޅުމެއް ބާއްވައިގެން ނުވާނެ ކަމަށް އެއްވެސް ސޯޝަލް މީޑިއާގެ ވަސީލަތެއްގައި ވިދާޅުވެފައި ވާނެތޯ ނާޒިލް ވަނީ ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޚަލީލް ވިދާޅުވީ އިންޑިއާ އައުޓް ޓީޝާޓު ލައިގެން އެމަނިކުފާނު ހުންނަވަނިކޮށް އެއްވެސް ބޭފުޅަކަށް ސޯޝަލް މީޑިއާ އިން ނުފެންނާނެ ކަމަށެވެ. އެހެން ނަމަވެސް، ރާއްޖޭގެ މިނިވަންކަމާއި، އިސްތިޤުލާލާ ގުޅުން ހުރި ޓީޝާޓެއް ލައިގެން ހުއްޓާ ފެނިދާނެ ކަމަށް ޚަލީލްް ވިދާޅުވި އެވެ. އަދި އެއީ އެމަނިކުފާނު ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމެއް ކަމަށ ވެސް ވިދާޅުވި އެވެ.

ސޯޝަލް މީޑިއާ އިން ތިއިން އެއްވެސް ބޭފުޅަކަށް ފެނިވަޑައި ނުގަންނަވާނެ އިންޑިއާ އައުޓް ޓީޝާޓު ލައިގެން އަޅުގަނޑު ހުއްޓައެއް. އެކަމަކު ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާ ގުޅުން ހުރި ޓީޝާޓެއް ލައިގެން ހުއްޓާ ފެނިވަޑައިގެންފައި އޮވެ ދާނެ. އަޅުގަނޑު އެކަމާ ފަޚުރުވެރިވަން. މިނިވަން ކަމުގެ ދިފާއުގައި، އެއީ އަޅުގަނޑު ފަޚުރުވެރިވާ ކަމެއް އެއީ. އެހެން ވީމާ އެކަން ފެނިވަޑައިގަންނަވާނެ.
މިނިސްޓަރ ޚަލީލް ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖެ އާއި އަވަށްޓެރި ޤައުމުތަކާ ދެމެދު އޮންނަން ވާނީ ވަރަށް ގާތް ގުޅުމެއް ކަމަށެވެ. ރާއްޖެ އަށް އެހީތެރިކަން ދެމުން އަންނަ ޤައުމުތަކާ ރާއްޖެއާ ދެމެދު އޮންނަން ވާނީ ވަރަށް ގާތް ގުޅުމެއް ކަމަށް އަބަދު ވެސް ޤަބޫލުފުޅު ކުރައްވާ ކަމަށް ވެސް ޚަލީލް ވިދާޅުވެފައިވެ އެވެ.

އިންޑިއާ އަށް ނިސްބަތްކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވާފައިވުމާ ގުޅޭ ގޮތުން ކުރެއްވި ސުވާލަށް ޚަލީލް ޖަވާބު ދެއްވާފައި ނުވެ އެވެ. މިނިސްޓަރު ޚަލީލްގެ ޖަވާބާ ގުޅިގެން މަރަދޫ ދާއިރާގެ މެމްބަރު އަޙުމަދު ދީދީ ވިދާޅުވީ، ސީދާ ކަނޑައެޅިގެން މަޖިލީހުގެ ޖަލްސާގައި ޚަލީލް އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ.

އެގޮތުން އިންޑިއާ އައުޓް ކެމްޕެއިންގެ ޓީޝާޓުގައި ޚަލީލް ހުންނެވި މަންޒަރުތައް ހިމެނޭ ފޮޓޯތަކާއި، ވީޑިއޯތައް ޕްބަލިކް ޑޮމެއިންގައި ހުންނެވި ކަމަށް މެމްބަރު ފާހަގަ ކުރެއްވި އެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތުން ވަނީ އެއީ ނިޒާމީ މައްސަލައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

ޚަލީލް މީގެ ކުރިން ވަނީ އިންޑިއާ އާއި މޯދީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. ޚަލީލްގެ ރަސްމީ އެކްސް އެކައުންޓުގައި މިއަދު ވެސް އެ ޕޯސްޓުތައް ފެންނަން އެބަ ހުއްޓެވެ.

އެގޮތުން އިންޑިއާގެ ބޮޑު ވަޒީރު މޯދީ ރާއްޖޭގައި ބަޣާވާތް ކުރައްވަން އުޅުއްވާ ކަމަށް ޚަލީލް ވިދާޅުވެފައިވާއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގެންނެވީ ޑީލެއްގެ ދަށުން ކަމަަށް ވެސް ޚަލީލް އޭރު ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ރާއްޖެ އިން އިންޑިއާ އަށް ބަރޯސާވެފައި އޮތް އޮތުން، ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ވެސް ޚަލީލް އޭރު ވިދާޅުވެފައިވެ އެވެ. މި ސަރުކާރުގެ އިސްވެރިން އިދިކޮޅުގައި ތިބެ ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕެއިންގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި މިނިސްޓަރު ޚަލީލް ހިމެނިވަޑައިގަންނަވަ އެވެ.