ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީ ހޯދުމާ ބެހޭ މަޝްވަރާތަކެއް ކޮށްފި އެވެ.

މި މަޝްވަރާކުރީ އެ ފަންޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސުލްތާން ބިން އަބްދުއްރަހްމާން އަލް މަރްޝަދު، ރައީސް މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގަ އެވެ.

މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި، ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ފަރާތުން ދިވެހިރާއްޖޭގެ ކުރިއެރުމަށާއި ތަރައްގީއަށްޓަކައި ދެއްވަމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ރައީސް ޝުކުރުއަދާކުރެއްވި އެވެ. އަދި މިފަހުން ރައީސް އަދި އެ މަނިކުފާނާއެކު އުމްރާގެ އަޅުކަމަށް ސައޫދީ އަރަބިއްޔާއަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާމެދު އެ ގައުމުން ބެހެއްޓެވި ގާތްކަމާއި އަދާކުރެއްވި މެހުމާންދާރީއަށްޓަކައި ރައީސް ޝުކުރު އަދާކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ފަރާތުން ކުރިއަށްގެންދާ އެކިއެކި މަޝްރޫއުތައް އިތުރަށް ފުޅާކުރުމާމެދު މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ސީއީއޯ ވަނީ ދިވެހިރާއްޖެއިން އެ މަނިކުފާނަށް ދެއްވި މެހުމާންދާރީއަށްޓަކައި ޝުކުރުއަދާކުރައްވައި، ދިވެހިރާއްޖެއަށް އެއްބާރުލުން ދެއްވުމުގައި ދެމިހުންނަވާނެކަމުގެ ޔަގީންކަން ރައީސަށް އަރުވާފަ އެވެ.

އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ދިވެހިރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވި އެވެ