ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ އިންތިހާބީ މެންބަރު ޝާމިން ހަބީބު މިއަދު ޕީއެންސީއަށް ސޮއި ކުރައްވައިފި އެވެ.
ޝާމިން އިންތިހާބުގައި ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ.
މުލިއާގޭގައި އޮތް ރަސްމިއްޔާތެއްގައި ޝާމިންގެ ފޯމާ ހަވާލުވެވަޑައިގަތީ ޕީއެންސީގެ ރައީސް އަދި ރައީސް މުހައްމަދު މުއިއްޒު އެވެ.
މިދިޔަ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީއެންސީއަށް ލިބުނީ 66 ގޮނޑި އެވެ. އެހެން ނަމަވެސް މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި އަމިއްލަ ބައެއް މެމްބަރުން ވަނީ ޕީއެންސީއަށް މީގެ ކުރިންވެސް ސޮއި ކުރައްވާފަ އެވެ.
ޝާމިނާއެކު ޖުމްލަ އަށް މެމްބަރަކު ޕީއެންސީއަށް ސޮއި ކުރެއްވުމުން މިހާރު ޕީއެންސީގެ މަޖިލިސް މެމްބަރުން އަދަދަކީ 74 އެވެ. މިސަރުކާރަށް ތާއީދު ކުރައްވާ ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އަދި އެމްއެންޕީގެ މެމްބަރުންނާއެކު ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުގެ އަދަދު 78 އަށް އަރާނެ އެވެ.
93 ދާއިރާއަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް ލިބުނީ 12 ގޮނޑި އެވެ.
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާ ކުރެއްވުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.