ތެހެރާން (މެއި 20) - އިރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި ތަބްރީޒް ސިޓީގެ އިމާމު އެއްގަޑިއިރު ވަންދެން ދިރި ހުންނެވި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިރާނުގެ ކްރައިސިސް މެނޭޖްމަންޓް އެޖެންސީގެ ވެރިޔާ މުހައްމަދު ނާމީ ވިދާޅުވީ ހެލިކޮޕްޓަރު ދަތުރުކުރި ތަބްރީޒް ސިޓީގެ ހުކުރު ކުރައްވާ އިމާމު މުހައްމަދު އަލީ އަލް ހާޝިމް، ހެލިކޮޕްޓަރު ވެއްޓުނު ފަހުން ވެސް ސަލާމަތުން ގަޑިއެއްހާ އިރު ހުންނެވި ކަމަށެވެ. އަދި ރައީސްގެ އޮފީހާ ގުޅުން އިމާމް މަސައްކަތް ކުރެއްވި ކަމަށް ވެސް ނާމީ ވިދާޅުވި އެވެ.
"ބޯޓުން ދަތުރުކުރި މީހުންގެ ޑީއެންއޭ ޓެސްޓެއް ހެދުމުގެ ބޭނުމެއް ނެތް،" ނާމީ ވިދާޅުވި އެވެ.
އީރާނުގެ ރައީސް، ރައިސީ ދަތުރު ކުރެއްވި ހެލިކޮޕްޓަރުން ނުވަ މީހުން މަރުވި އެވެ. އޭގެ ތެރޭގައި ރައިސީ އާއި އިމާމުގެ އިތުރުން އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އާމިރު އަބްދުﷲ ހިމެނެ އެވެ.
އިތުރު މީހުންގެ ތެރޭގައި އީސްޓް އާޒަބައިޖާން ޕްރޮވިންސްގެ ގަވަރުނަރު މާލިކް ރަހުމަތީ އާއި ރައީސްގެ ސެކިއުރިޓީ ޓީމުގެ ވެރިޔާ މުހައްމަދު މަހްދީ މޫސަވީ އަދި ހެލިކޮޕްޓަރުގެ ޕައިލެޓުން ކަމަށްވާ ކާނަލް މުހްސިން ދަރިޔަނުޝް އާއި ކާނަލް ސައިދު ތޯހިރު މުސްތަފާވީ ހިމެނެ އެވެ. މީގެ އިތުރުން ޓެކްނީޝަނެއް ކަމަށްވާ މޭޖާ ބެހްރޫޒް ގާދިމީ ވެސް ވަނީ އެ ހާދިސާ ދުނިޔެ ދޫކޮށްފަ އެވެ.
ހެލިކޮޕްޓަރު ވެއްޓެން ދިމާވި އެ ސަރަހައްދުގެ މޫސުން ވަރަށް ބޮޑަށް ގޯސްވެގެންނެވެ. ރައީސްގެ ކޮންވޯއީގައި ދަތުރުކުރި އިތުރު ދެ ހެލިކޮޕްޓަރު ވަނީ ސަލާމަތުން ޖައްސައިފަ އެވެ.