ދުބާއީގައި އޮތް ވޯލްޑް ޓްރެވަލް އެވޯޑްސްގެ ހަފްލާގެ ތެރޭގައި މީޑިއާއަކަށް އިނގިރޭސި ބަހުން ދެއްވި އިންޓަވިއުއަކަށް ފަހު އާއްމުންގެ ތެރޭގައި ވަރަށް ބޮޑަށް މަގްބޫލްކަން ހޯދި އައިޝަތު ނޫރައިން ޖަނާހު، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޗެއާޕާސަންގެ މަގާމުން ކުއްލިއަކަށް ރޭ އިސްތިއުފާ ދެއްވައިފި އެވެ.
ވަރަށް ގާބިލް ޒުވާނެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ނޫރައިން އިސްތިއުފާ ދެއްވިކަން ސަރުކާރުގެ އޮފިޝަލުން މީޑިއާތަކަށް ޔަގީންކޮށްދިން ނަަމަވެސް ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. ރާއްޖޭގައި މަސައްކަތް ކުރައްވަން ފެއްޓެވިތާ ދެ އަހަރެއްހާ ދުވަސްވީ ނަމަވެސް، ނޫރައިން އާއްމުންނަށް އެހާ ބޮޑަށް ފާހަގަނުވި ނަމަވެސް ކުއްލިއަކަށް އޭނާ މަޝްހޫރުކަން ހޯދީ އަރަބް ޓްރޭވަލް މާކެޓުގައި އިނގިރޭސި ބަހުން ދެއްވި އިންޓަވިއުގެ ފަރިތަކަމާއި މޮޅުކަމުންނެވެ.
ނޫރައިންގެ އިންޓަވިއު އަށް އެހާ ބޮޑު ސަމާލުކަމެއް ލިބުނީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އިނގިރޭސި ބަހުން ދެއްވާ ތަގްރީރުތަކާއި އިންޓަވިއުތަކަށް ގިނަ ބަޔަކު ފާޑުކިޔައި، ފައިސަލަކީ މަގާމަށް ގާބިލް ނޫން މީހެއް ކަމަށް ބުނެ، ހަޖޫޖަހަމުންދާ ދުވަސްވަރަކަށް ވެސް ވުމާ އެކު އެވެ. ނޫރައިންގެ އިންޓަވިއު އަޑު އެހުމަށް ފަހު ސޯޝަލް މީޑިއާގައި ކޮމެންޓް ކުރި ބައެއް މީހުން ވަނީ ޓޫރިޒަމް މިނިސްޓަރަކަށް ގެންނަންވީ ނޫރައިން ކަމަށް ބުނެފަ އެވެ.
އެހެންވެ ފައިސަލް އާއި ނޫރައިންއާ ދެމެދު ނުތަނަވަސްކަމެއް އުފެދިފައިވާކަމުގެ އަޑުތަކެއް ވަނީ އަރައިފަ އެވެ. ރާއްޖޭން ބޭރުގައި ބާއްވާ ޓޫރިޒަމް ފެއާތަކުގައި ނޫރައިން ބައިވެރިނުކުރުމަށް ފައިސަލް އަންގަވާފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ނަމަވެސް ފައިސަލް ވަނީ އެކަން ދޮގުކޮށް އޭނާގެ ފޭސްބުކުގައި ޕޯސްޓެއް ޖަހައިފަ އެވެ.
އޭގެ ފަހުން ފައިސަލް ދެއްވި އިންޓަވިއުއެއްގައި އޭނާ ވަނީ ކޯޗެއް ނަގައިގެން، ކުރިއަށް އޮތް ހަމަސް ދުވަސްތެރޭ އިނގިރޭސި ބަހުން ރަނގަޅަށް ވާހަކަ ދައްކަން ދަސްކުރާނެ ކަމަށް ވިދާޅުވެފަ އެވެ. މި އިންޓަވިއުއާ ގުޅިގެން ވެސް ބައެއް މީހުން ވަނީ އޭނާ އަށް ފާޑުކިޔައި ޖޯކު ޖަހައިފަ އެވެ. ބައެއް މީހުން ވަނީ އިނގިރޭސި ދަސްކުރަންވީ ވަޒީރުކަމަށް ވަޑައިގެންތޯ ސުވާލު ކޮށްފަ އެވެ.
ޑިސެންބަރު 27، 2023 ގައި އެމްއެމްޕީއާރްސީގެ ޗެއާޕާސަންކަމާ ހަވާލުވެވަޑައިގެންނެވި ނޫރައިން އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވިޔަފާރި އާއި އިންވެސްޓްމަންޓާ ބެހޭ އެޑްވައިޒަރު އަދި މަޝްހޫރި ވިޔަފާވެރިޔާ މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލެކެވެ. އޭނާ އަކީ މިހާރު ޖަނާހުގެ ކުންފުނި ހޮޓެލްސް އެންޑް ރިސޯޓް އިންވަސްޓްމަންޓު ގްރޫޕް (ހަރިމް) ގެ ވައިސް ޗެއާ އެވެ.
ނޫރައިން ވަނީ ޔުނިވާސިޓީ އޮފް އޯކްލޭންޑުން ބެޗެލާސް ޑިގްރީ ހާސިލް ކުރައްވާ އަދި އޯކްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީން އެކައުންޓިންގެ ދާއިރާ އިން މާސްޓާސް ވެސް ހާސިލް ކުރައްވައިފަ އެވެ. އޭނާ އަކީ ޗާޓަޑް އެކައުންޓެއްޓެއް ވެސް މެ އެވެ.