ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އާއި ޗެނަލް 13 އެމަނިކުފާނުގެ އަމިއްލަ ގެކޮޅަށް ބަދަލު ކުރަން ނިންމައިފި އެވެ.
ޕީއެންއެފްގެ އޮފީސް މިހާރު ހިންގަނީ ކުރިން ޕީޕީއެމާއި ޕީއެންސީ އެކުގައި ހިންގި ހ. ހުރަފާގަ އެވެ. މިދިޔަ ރިޔާސީ އިންތިހާބަށް ފަހު ރައީސް ޔާމީންއާ ރައީސް މުހައްމަދު މުއިއްޒާ ދެމެދު ޖެހުނު މައްސަލާގައި ޕީޕީއެމް އާއި ޕީއެންސީ ވަނީ މާފަންނު ސީޓްރެކްސްގެ ހަތްވަނަ ފަންގިފިލާގައި އޮފީސް ހަދައިގެން ބަދަލުކޮށްފަ އެވެ.
ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް ކުރީގެ މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވީ ކުރިޔަށް އޮތް ދެ ދުވަހެއް ތެރޭގައި އެ ޕާޓީގެ އޮފީހާއި ޗެނަލް 13 އޮފީސް ޔާމީންގެ ގެކޮޅަށް ބަދަލު ކުރާނެ ކަމަށެވެ
ޗެނަލް 13 ކުރިން ހިންގަމުން އައީ އަލިކިލޭގެފާނު މަގުގައި ޔާމީން ކުރިން ދިރިއުޅުއްވި ދޫވެހި ގޭގަ އެވެ.
މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އުފެއްދި ޕީއެންއެފްގެ ވަގުތީ ރައީސަކީ ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން އެވެ. އެ ޕާޓީގެ ދާއިމީ ސެނެޓެއް އިންތިހާބު ކުރެވެންދެން، ވަގުތީ ސެނެޓަށް ވަނީ ޔާމީން ހިމެނޭހެން 20 މީހުން އައްޔަން ކޮށްފަ އެވެ.
ޕީއެންއެފް އޮފީސް ޔާމީން ގެކޮޅަށް ބަދަލު ކުރާއިރު ޕީޕީއެމް/ޕީއެންސީން ވަނީ އެ ސަރަހައްދުގައި ކުރިން އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ހަރުގެ ހިންގި ބިން ކުއްޔަށް ނަގައިފަ އެވެ.