ގދ. ފަރެސްމާތޮޑާ އެއާޕޯޓްގައި ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އާއި ސިލްވާ ލޭންޑް ހޮޓެލްސް އާ ދެމެދު އިންވެސްޓްމަންޓް އެމްއޯޔޫ އެއްގައި ސޮއިކޮށްފި އެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މައި އޮފީހުގައި މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު މުބީން އެވެ. ސިލްވާ ލޭންޑް ހޮޓެލްސްގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކުޓް މެނޭޖްމަންޓް ހެޑް އިބްރާހިމް މުހައްމަދެވެ.

މި އެމްއޯޔޫގެ ދަށުން ފަރެސްމާތޮޑާ އެއާޕޯޓްއާ އިންވެގެން އޮތް ހުސްބިމުގައި 100 ޓޫރިސްޓް ކޮޓަރި އެކުލެވޭ ގޮތަށް ސިޓީ ހޮޓަލެއް އަޅާނެ އެވެ. އަދި މި ސިޓީ ހޮޓަލްގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް 200 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވިގެން ދިއުމުގެ އިތުރުން އެސަރަހައްދުގައި ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް ފަހި ފުރުސަތު ތަކެއް ހުޅުވިގެންދާނެ ކަމަށް ރީޖިނަލް އެއާޕޯޓްސް އިން ބުނެ އެވެ.

ރީޖިނަލް އެއާޕޯޓްސްގެ މެނޭޖިން ޑައިރެކްޓަރު މުބީން ވިދާޅުވީ މި އިންވެސްޓްމަންޓް އެމްއޯޔޫގައި ވާކަންކަން ފުރިހަމަ ކުރުމައްޓަކައި ސަރުކާރުގެ ކަމާގުޅުންހުރި ފަރާތްތަކުން ލިބެންޖެހޭ އެއްބާރުލުން ލިބެމުންދާ ކަމުގައި ވާނަމަ ތިން މަސްދުވަސް ތެރޭގައި އެގްރީމަންޓްއަކާ ހަމަޔައްދެވި މިޕްރޮޖެޓްގެ މަސައްކަތް ފެށޭނެ ކަމަށެވެ.

ސިލްވާ ލޭންޑް ހޮޓެލްސްގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި މި އިންވެސްމަންޓްގެ އަގު 20 މިލިއަން ޑޮލަރަށް އަރާނެ އެވެ.

މުބީން އިތުރަށް ވިދާޅުވި ގޮތުގައި މިގޮތައް އެއާޕޯޓް ތަކުގައި ހުރި ހުސްބިންތަކުގައި މިފަދަ ސިޓީ ހޮޓާތައް އަޅާ ރައްޔަތުންނަށް މިފަދަ އިގްތިސާދީ އިތުރު ފުރުސަތުތައް ހޯދައިދިނުމަކީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އެއް އަމާޒު ކަމަށެވެ. އެހެންކަމުން މިހާރު ވެސް އެއާޕޯޓްތަކުގައި ހުރި ހުސްބިންތަކުގެ ލޭންޑް ރެޖިސްޓްރޭޝަންގެ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތްތައް ކައުންސިލްތަކާއި ސަރުކާރުގެ ކަމާ ގުޅުން ހުރި ފަރާތްތަކާއެކު ވަރަށް ބާރު ސްޕީޑްއެއްގައި ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ކުޅުދުއްފުށީ އެއާޕޯޓްގެ ލޭންޑް ރެޖިސްޓްރޭޝަންގެ މަސައްކަތް ފާހަގަ ކުރެއްވި އެވެ.

މިވަގުތު ރީޖިނަލް އެއާޕޯޓްސް އިން ޖުމްލަ ހަތް އެއާޕޯޓެއް އޮޕަރޭޓްކުރެ އެވެ.