ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގީ ބަޖެޓަށް ނުކަތާ ވަރަށް ކަމަށް ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

ލޯކަލް ގަވާމެންޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޝަފީގު ވިދާޅުވީ ގިނަ ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގައިގެން ދައުލަތަށްވީ ގެއްލުން ކަމަށެވެ. ސަބަބަކީ ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ތަރައްގީގެ މަޝްރޫއުތައް ހިންގީ ބަޖެޓަށް ނުބަލައި ކަމަށްވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޝަފީގު ވަނީ މި ސަރުކާރުގެ ސިޔާސަތުތަކާ ބެހޭގޮތުން ވެސް ވާހަކަދައްކަވާފަ އެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި އޮތް އެންމެ ބޮޑު ރައުސުލްމާލަކީ ހުޅުމާލެ ކަމަށެވެ. އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ތަރައްގީގެ މަޝްރޫއުތައް ހިންގައި ނިމުމުން ސިވިލައިޒްޑް މުޖުތަމައެއްގައި ދިވެހީންނަށް ދިރިއުޅެވޭނެ ގޮތްތައް ފަހިވާނެ ކަމަށް ޝަފީގު ވިދާޅުވި އެވެ.

"...ސިވިލައިޒްޑް މުޖުތަމައެއްގައި މީހުން ދިރިއުޅެވޭނެ ގޮތްތައް ފަހިވެގެންދާތަން އަޅުގަނޑުމެންނަށް އެބަ ފެނޭ. މާލޭގެ ހާސްކަން ފިލާ، ތަނަވަސް ދިރިއުޅުމެއް އުޅެވޭނެ ގޮތްތައް އަޅުގަނޑުމެންނަށް އެބަ ފެނޭ،" އޭނާ ވިދާޅުވި އެވެ.

ދައުލަތަށް އެންމެ ފައިދާ ހުރިގޮތަކީ ސަރުކާރު ކުންފުނިތަކުން ޕްރޮޖެކްޓްތައް ހިންގުމުގެ ބަދަލުގައި ޕަބްލިކް ކޯޕަރޭޝަނަކުން މަޝްރޫއުތައް ހިންގުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ފަސް އަހަރުގެ ތެރޭގައި ހިތްފަސޭހަ މާހައުލެއް ދިވެހިންނަށް ގާއިމްކޮށްދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.