ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ ހައްޔަރުކުރަން އެ ގައުމުގެ ކޯޓަކުން އަމުރުކޮށްފި އެވެ.
ލަންކާގެ ކުރީގެ ޔޫތު މިނިސްޓަރު ނަމާލް މިވަގުތު ހުރީ ރާއްޖޭގަ އެވެ.
ލަންކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ނަމާލް މިއަދު ރާއްޖެ ވަޑައިގަތީ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވި އެ ގައުމުގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކާއާ އެއް ފްލައިޓެއްގަ އެވެ. އެ ދެ ބޭފުޅުން ވެސް ދަތުރުކުރެއްވީ ސްރީ ލަންކަން އެއާލައިންސްގެ ފްލައިޓް ޔޫއެލް 101 ގެ ބިޒްނަސް ކްލާހުގަ އެވެ.
ނަމާލް ރާއްޖެ ވަޑައިގަތީ ރާއްޖޭގައި އޮތް ކައިވެނި ހަފްލާއަކަށް ކަމަށް ވެސް އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.
ނަމާލް ހައްޔަރުކުރަން އަމުރު ނެރުނީ އޭނާގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތަކާ ގުޅިގެން ކޯޓަށް ހާޒިރުވެފައިނުވާތީ އެވެ.
އޭނާގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑްރިން އާއި ކޮރަޕްޝަނުގެ ދައުވާތަކެކެވެ. އެ މައްސަލަތަކުގެ ތަހުގީގަށް އޭނާ މީގެކުރިން ހައްޔަރުވެސް ކުރި އެވެ.
ނަމަލް އަކީ ލަންކާގެ މިހާރުގެ ރައީސާއެކު ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވި ބޭފުޅެކެވެ. އޭނާ އަކީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.