ރިޔާޒް (މެއި 30) - ސައުދީ އަރަބިއާގެ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒުގެ ޚަރަދުގައި ދުނިޔޭގެ އެކި ގައުމުތަކުން 2،322 މީހުން މި އަހަރު ހައްޖަށް ގެންދަން ނިންމަވައިފި އެވެ.

ރަސްގެފާނުގެ ޚަރަދުގައި މި އަހަރު ވެސް ވަނީ ފަލަސްތީނުގެ 1،000 މީހުން ހައްޖަށް ގެންދިއުމުގެ އިންތިޒާމް ހަމަޖައްސަވައިފަ އެވެ. ކޮންމެ އަހަރަކު ވެސް ފަލަސްތީނަށް ރަސްގެފާނުގެ ދީލަތި އެހީފުޅުގެ ދަށުން ހައްޖަށް ދިއުމުގެ ފުރުސަތު ދެނީ އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގައި ޝަހީދުވާ ފަލަސްތީނު މީހުންގެ އާއިލާތަކަށާއި އިޒްރޭލުގެ ޖަލުތަކުގައި ގައިދީންގެ ގޮތުގައި ތިބި ފަލަސްތީނު މީހުންގެ އާއިލާތަކަށާ އަދި އިޒްރޭލުގެ އަނިޔާތަކުގައި ޒަޚަމްތައް ތަހައްމަލް ކުރަމުންދާ ފަލަސްތީނު މީހުންނަށެވެ. ބާކީ 1،300 އަށް ވުރެ ގިނަ ޖާގަ ދީފައި ވަނީ 88 ގައުމެއްގެ މުސްލިމުންނަށެވެ.

ސައުދީ ސަރުކާރުގެ ޚަރަދުގައި ދުނިޔޭގެ އެކި ކޮންކޮޅުތަކުން މުސްލިމުންނަށް ހައްޖުވެވޭނެ ފުރުސަތު ތަނަވަސްކޮށްދެއްވާފައިވާތީ ސައުދީ ހައްޖު މިނިސްޓަރު ޝެއިޚް އަބްދުލް ލަތީފް އަލް ޝެއިޚް ވަނީ ރަސްގެފާން ސަލްމާން އަށާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ސައުދީ ރަސްގެފާނުގެ ޚަރަދުގައި ހައްޖާއި އުމްރާ ވެވޭނެ ފުރުސަތު މީގެ 26 އަހަރު ކުރިން ހުޅުވާލި ފަހުން މިހާތަނަށް ވަނީ 60،000 އަށް ވުރެ ގިނަ މީހުން ހައްޖާއި އުމްރާގެ މަތިވެރި އަޅުކަން އަދާކޮށްފަ އެވެ.