އުތުރު ތިލަފަޅުގެ "ސިފަވަރު"ގައި އެމްއެންޑީއެފްގެ ކޯސްޓް ގާޑްގެ ބަނދަރަކާއި އިންޑިއާ ސިފައިން ތިބެގެން ހިންގާ ސާވިސް ޑޮކްޔާޑެއް ތަރައްގީކުރަން އިންޑިއާއާއެކު ސޮއިކޮށްފި އެވެ.

މި މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރް އެވެ.

އިންޑިއާ ސިފައިންނަށް ތިބެވޭ ގޮތަށް މިއަދު ސޮއިކުރި މި އެއްބަސްވުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިންޑިއާއެކު ސޮއިކުރަން ދެކޮޅު ހަދާފައިވާ ޕްރޮޖެކްޓެއް ކަމަށް އެނގިފައިވެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ މަޝްރޫއުގެ ދަށުން އުތުރު ތިލަފަޅުގައި ޖެޓީއަކާއި، ހާބާ ރިޕެއާ ފެސިލިޓީ (އެޗްއާރްއެފް)، ސްލިޕްވޭ، އަދި ބަނދަރަށް ބޭނުންވާ އެހެނިހެން އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމާއި، މުއާސަލާތީ ވަސީލާތްތަކާއި ރާޑަރުގެ ޚިދުމަތްތައް ތަރައްގީ ކުރުމުގައި އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެއްބަސްވުމުގައިވާ ގޮތުގެ މަތިން، އިންޑިއާގެ ފަންނީ މާހިރުން، ދިވެހި މުވައްޒަފުން ތަމްރީނު ކުރުމާއި، ޑޮކްޔާޑް އަދި ބަނދަރުގައި ގާއިމުކޮށްފައިވާ އެކިއެކި ވަސީލަތްތައް މަރާމާތުކޮށް ބެލެހެއްޓުމުގައި 15 އަހަރު ދުވަހުގެ މުއްދަތަކަށް އިންޑިއާއިން އެހީތެރި ވެދޭނެ ކަމަށް ވެސް ބުންޏެވެ.

އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ކޯސްޓް ގާޑްގެ ބަނދަރަކާއި ސާވިސް ޑޮކްޔާޑެއް ތަރައްގީކުރަން އިންޑިއާއާއެކު ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެމްއެންޑީއެފް

އެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިޔައްތުގައި ވާހަކަދައްކަވަމުން ކޮމަޑާންޓް ކޯސްޓްގާޑް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ ކޯސްޓްގާޑްގެ ޚިދުމަތް ދިނުމުގައި މިހާރު ހުރި ގިނަ ދަތިތަކަކަށް މި މަޝްރޫއާއެކު ހައްލު ލިބިގެންދާނެ ކަމަށެވެ.

ސަލީމް ވިދާޅުވީ ކޯސްޓްގާޑަށް އެކަށީގެން ބަނދަރެއް ނެތުމުގެ ސަބަބުން، އެންމެ ބޭނުންވާ ފެންވަރުގެ ޚިދުމަތެއް ދިނުމުގައި ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ. އެގޮތުން ބޮޑެތި އުޅަނތައް ތޮއްޓާ ކައިރިކުރެވޭނެ ގޮތެއް ނެތުމާއި ކަނޑުމަތީގައި އުޅަނދުތައް ބަހައްޓަން ޖެހުމުގެ ސަބަބުން މެއިންޓަނަންސްގެ މައްސަލަ ދިމާވާ މިންވަރު އަވަސްކަން ފާހަގަކުރެއްވި އެވެ.

އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ކޯސްޓް ގާޑްގެ ބަނދަރަކާއި ސާވިސް ޑޮކްޔާޑެއް ތަރައްގީކުރަން އިންޑިއާއާއެކު ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެމްއެންޑީއެފް

ސަލީމް ވިދާޅުވީ ޑޮކްޔާޑެއް ނެތުމުގެ ސަބަބުން މިހާރު އެމްއެންޑީއެފްގެ އުޅަނދުތައް މަރާމާތުކުރުމާއި ރީފިޓްކުރުމަށް ގެންދަނީ އިންޑިއާގެ ޑޮކް ޔާޑަށް ކަމަށެވެ. އަދި މިކަމަށް ބޮޑެތި ހޭދަތަކެއް ކޮންމެ އަހަރަކު ވެސް ކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"ރާއްޖެއިން މި މެއިންޓަނަންސް މަސައްކަތް އެކަށީގެންވާ ގޮތުގައި ނުކުރެވޭތީ ބޮޑެތި ހަރަދުތަކެއް އަދި ވަގުތުތަކެއް އެބަ ހޭދަވޭ. މިކަމުގެ ސަބަބުން ހިދުމަތަށް ބުރޫއަރާ. އަދި އެކަނށީގެންވާ ބަނދަރެއް ނެތުމުގެ ސަބަބުން ހަދިސާއެއް ހިނގައިގެން އެ ތަނަކަށް ދާން ނަގާ ވަގުތު ވެސް އެބަ އިތުރުވޭ،" ކާނަލް ސަލީމް ވިދާޅުވި އެވެ.