މާލެ ކައިރީގައި އޮންނަ އުތުރު ތިލަފަޅުގެ "ސިފަވަރު"ގައި އެމްއެންޑީއެފްގެ ކޯސްޓް ގާޑްގެ ބަނދަރަކާއި ސާވިސް ޑޮކްޔާޑެއް ތަރައްގީކުރަން އިންޑިއާއާއެކު ސޮއިކުރި ނަމަވެސް އިންޑިއާ ސިފައިން އެތަނުގައި ނުތިބޭނެ ކަމަށް އެމްއެންޑީއެފް އިން މިއަދު ބުނެފި އެވެ.

އުތުރުތިލަފަޅުގައި އިންޑިޔާ ސިފައިންނަށް ތިބެވޭ ގޮތަށް ކޯސްޓުގާޑުގެ ޑޮކްޔާޑެއް ބިނާކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހު އެމްއެންޑީއެފްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ތިބުމާއި ގުޅޭގޮތުން "ދިޔަރެސް" ގެ ނޫސްވެރިއަކު ކުރި ސުވާލުތަކަށް އެމްއެންޑީއެފް އަށް ޖަވާބެއް ނުދިނެވެ.

އުތުރުތިލަފަޅު ތަރައްގީކުރަން ސޮއިކުރި އެއްބަސްވުމުގެ ދަށުން އެތަނުގައި އިންޑިއާ ސިފައިން ތިބުމަށް ހަމަޖެހިފައިވަނީ ކޮން މުއްދަތަކަށްތޯ އާއި، އެތަނުގައި އިންޑިއާ ސިފައިން ނުތިބޭނަމަ އެ ތަން ތަރައްގީކުރަން ލޯނު ނުލިބޭނީތޯ ސުވާލު ކުރުމުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް ވިދާޅުވީ އުތުރުތިލަފަޅުގައި ތަރައްގީ ކުރަނީ އަސްކަރީ މަރުކަޒެއް ނޫން ކަމަށެވެ. އަދި އެއީ ޑޮކްޔާޑަކާއި ބަނދަރެއް ކަމަށާއި، އެތަނުގައި އަސްކަރީ އެއްވެސް ބަޔަކު ތިބޭ ގޮތަކަށް އޮތް ތަނެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިިންނެއް ނުތިބޭނެ ކަމަށާއި އެތަން ތަރައްގީކުރުމުގައި އިންޑިއާގެ އެހީތެރިކަން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އުތުރު ތިލަފަޅު ތަރައްގީކުރުމަށްފަހު ތިބޭނީ އިންޑިއާގެ ޓެކްނިކަލް މީހުން ކަމަށެވެ.

"ތަން ޑިވެލޮޕްކޮށް ތަން ނިންމާ ހުޅުވުމަށް މިއޮތީ ތިން އަހަރުގެ މުއްދަތު. ތިން އަހަރު ތެރޭގައި މިތަން ނިމި ހުރިހާ ސާވިސްއެއް ނިމި މިތަނުގެ މަސައްކަތް އަމަލީ ގޮތުން މިދެންނެވީ ހިދުމަތް ލިބެން ފަށާގޮތަށް މިއޮތީ ތިން އަހަރު ތެރޭގައި،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އެތަން ތަރައްގީ ކުރުމަށްފަހު، ޓެކްނިކަލް ސަޕޯޓު ބޭނުން ވެއްޖެނަމަ، ބޭނުންވި މިންވަރަކަށް، ބޭނުންވި ވަގުތަކު ލިބޭ ގޮތަށް އިންޑިއާ ސަރުކާރާއި އެކު އެއްބަސް ވެފައިވާ ކަމަށެވެ.

އެތަނުގައި ތިބޭނީ އިންޑިއާ ސިފައިން ނޫން ކަމަށާއި ޓެކްނިކަލް މީހުން ކަމަށް ބުނުމުން "ދިޔަރެސް" އިން ވަނީ އެ ޓެކްނިކަލް މީހުން ނިސްބަތްވަނީ ކޮން މުއައްސަސާއަކަށްތޯ ވެސް އެހި އެވެ. އެ ސުވާލުގެ ޖަވާބުގައި އަބްދުއްރަހީމް އަނެއްކާވެސް ވިދާޅުވީ އެއީ އަސްކަރީ މަރުކަޒެއް ނޫން ކަމަށާއި އެތަނުގައި އެއްވެސް ގައުމެއްގެ ސިފައިންނެއް ނުތިބެނޭ ކަމަށެވެ. އަދި އެތަނުގައި ތިބޭނީ ޓެކްނިކަލް މީހުން ކަމަށް ތަކުރާރުކޮށް ވެސް ވިދާޅުވި އެވެ. އެއީ ކޮން މުއައްސަސާ އެއްގެ ޓެކްނިކަލް މީހުންތޯ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ޖެނެރަލް އަބްދުއްރަހީމް ޖަވާބެއް ނުދެއްވި އެވެ.

މީގެ ކުރިން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވެސް ވަނީ ރާއްޖޭގައި މިހާރު ވެސް ތިބެނީ އިންޑިއާ ސިފައިން ނޫން ކަމަށާއި އެއީ އިންޑިއާގެ ޓެކްނިކަލް މީހުން ކަމަށް ބުނެފަ އެވެ. ނަމަވެސް އިންޑިއާގެ ހެލިކޮޕްޓަރާއި، އަސްކަރީ މަތިންދާބޯޓު އޮޕަރޭޓުކުރަން ރާއްޖޭގައި ތިބެނީ އިންޑިއާގެ އަސްކަރިއްޔާއަށް ނިސްބަތްވާ ފަރާތްތަކެވެ. އަދި އެ މީހުން ރާއްޖޭގައި ތިބުމަށް ހަދާފައިވާ އެއްބަސްވުންތައް ހާމަކުރަން ޑިފެންސް މިނިސްޓްރީން ވަނީ ދެކޮޅު ހަދާފަ އެވެ.

ދިޔަރެސް އިން ވަނީ، ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ޑިފެންސް މިނިސްޓްރީގައި އެދިފަ އެވެ. އަދި ޑިފެންސް މިނިސްޓްރީން އެ މައުލޫމާތު ހާމަކުރަން ދެކޮޅު ހެދުމުން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އިލްތިމާސްކޮށްފަ އެވެ.

އެ އޮފީހުން ވަނީ އެ މައުލޫމާތު ހާމަކުރުމަކީ ވަނީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ ހާމަކުރަން ނުޖެހޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ނިންމި މިންމުން ރަނގަޅުކަމުގައި ކަނޑައަޅާފަ އެވެ. އަދި މިހާރު "ދިޔަރެސް" އިން ވަނީ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.