އުތުރުތިލަފަޅުގައި ޑޮކްޔާޑަކާއި ހާބަރެއް ހެދުމުގެ ނަމުގައި އިންޑިއާ ސިފައިންނަށް ޤާއިމުވެ ތިބެވޭ ގޮތަށް ހަދާ އެއްބަސްވުން ހާމަކުރުމަށް ގޮވާލާ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި އެވެ.

ކުއްލި މައްސަލަ ހުށައެޅުއްވީ އިދިކޮޅު ކޯލިޝަންގެ ޕީޕީއެމް ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމެވެ.

މައްސަލަ ހުށައަޅުއްވަމުން ޝިޔާމް ވިދާޅުވީ މިހާރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި މަސައްކަތް ކުރުމުގެ ނަމުގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ގާއިމުވެ ތިބިއިރު، އެ ސިފައިންގެ ޢަދަދު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދާ، އެ ސިފައިންނަށް ދިވެހި ދައުލަތުން ޚަރަދުތަކެއް ކުރަމުންދާއިރު، ރައްޔިތުންގެ ޓެކުސް ފައިސާއިން، ދިވެހި ދައުލަތުގެ މާލިއްޔާއިން އެ ސިފައިންނަށް ކުރަމުންދާ ޚަރަދުގެ ތަފުސީލުތައް ވެސް ހާމަކުރުމަށް ދިވެހި ސަރުކާރުން އިންކާރުކޮށްފައިވާ ކަމަށެވެ.

"އުތުރުތިލަފަޅުގައި ކޯސްޓުގާޑުގެ ޑޮކްޔާޑަކާއި ހާބަރެއް ޤާއިމުކޮށް އެތަނަކީ ދިވެހި ސިފައިންގެ ކަނޑު އުޅަނދުފަހަރު މަރާމާތުކުރުމަށާއި ބަނދަރުކުރުމަށް ބޭނުންކުރާ ތަނެއްގެ ގޮތުގައި ތަރައްގީކުރުމަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަބްދުﷲ ޔާމީނުގެ ވިސްނުންފުޅެއް. އެކަމާ ގުޅޭ ގޮތުން އިންޑިޔާއާ މަޝްވަރާކުރެއްވި ނަމަވެސް އެ ގައުމުން އެކަމުގައި ހުށަހެޅި ޝަރުތުތަކަކީ ދިވެހިރާއްޖޭގެ ގައުމީ މަސްލަހަތަށް ރަނގަޅު ޝަރުޠުތަކެއް ކަމުގައި ގަބޫލުނުކުރެއްވޭތީ އެކަމުގައި ރާއްޖެއާއި އިންޑިއާގެ މެދުގައި އެ ވެރިކަމުގައި އެއްބަސްވުމެއް ގާއިމުކުރެވިފައި ނެތް. އަދި އެއިރު އިންޑިޔާއިން ހުށަހެޅި ޝަރުތުތަކާ އެއްގޮތަށް މި އެއްބަސްވުން އެކުލަވައިލުމަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާ ފުށުއަރާނެ ކަމެއް ކަމުގައި ގައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި ލަފާދޭ ކޮމިޓީއިން އެއިރު ލަފާވެސް ދީފައިވޭ،" ޝިޔާމް ވިދާޅުވި އެވެ.

މީގެ އިތުރުން އިންޑިއާ އާއި ދިވެހި ސަރުކާރާ ދެމެދުގައި އުތުރުތިލަފަޅު ތަރައްގީކުރުމާމެދުގައި ގާއިމުކުރި އެއްބަސްވުމުގެ ދަށުން އެ ތަނުގައި ތަރައްގީކުރާ ހާބަރާއި ޑޮކްޔާޑު ބެލެހެއްޓުމުގެ ނަމުގައި އިންޑިޔާ ސިފައިންނަށް އެތަނުގައި ދާއިމަށް ގާއިމުވެ ތިބޭ ގޮތަށް އެއްބަސްވުން ފަރުމާކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީއާއި އެގޮތުން "މިލިޓަރީ ޕާސަނަލް"ގެ ބަދަލުގައި "އޮފިޝަލުން" ނުވަތަ "ޓެކްނީޝަނުން" ފަދަ ލަފުޒުތައް ހިމަނައިގެން އެ ތަނުގައި ސިފައިން ޤާއިމުވެ ތިބެވޭ ގޮތަށް އެއްބަސްވުން ފަރުމާކޮށްފައިވަނީ ގާނޫނު އަސާސީގެ 251 ވަނަ މާއްދާގެ (ނ)ގައިވާ ގޮތުގެ މަތިން "ރައްޔިތުންގެ މަޖިލިހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެން މެނުވީ ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ދީގެން ނުވާނެ ކަމުގައި ބުނެފައިވާ މާއްދާއިން ރެކި ސަލާމަތްވުމަށް ކަމަށާއި، އެކަމުގެ ބޭނުމުގައި މި އެއްބަސްވުމުގެ ޝަރުޠުތައް ރައްޔިތުންގެ މަންދޫބުންނަށް ސިއްރުކުރުން ކަމުގައި ބެލެވޭތީ، މިފަދަ ޚުޠޫރަތްތެރި ތުހުމަތެއް ކުރެވޭ ޙާލަތުގައި މިއީ ދިވެހިރާއްޖޭގެ ސަލާމަތަށް އަދި ގައުމުގެ އެންމެ މަތީ މަސްލަހަތުތަކަށް ބުރޫއަރާނެ ފަދަ އެއްބަސްވުމެއް ކަމުގައި ބެލެވޭތީ އެ މަޢުލޫމާތުތައް ހާމަކުރުމަށް ކުއްލި މައްސަލައެއް ހުށައަޅުއްވާ ކަމަށެވެ.

މިމައްސަލައަށް ބަހުސް ކުރުމަށް މަޖިލީހަށް ވަނީ ބަލައިގެންފަ އެވެ.