ޓޮޓެންހަމް ހޮޓްސްޕާގައި މައްސަލަތަކެއް އެބަހުރި ކަމަށާއި އެއީ ކޯޗަށް ހައްލުކުރެވޭނެ މައްސަލަތަކެއް ނޫން ކަމަށް ޓޮޓެންހަމްގެ ކޯޗު ޖޯސޭ މޮރީނިއޯ ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމް އަތުން 2-1 ޓޮޓެންހަމް ވަނީ ބަލިވެފަ އެވެ. މިއީ އިނގިރޭސި ލީގުގައި ޓޮޓެންހަމް އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން، ބަލިވި ފަސް ވަނަ މެޗެވެ. ޓޮޓެންހަމް މިހާރު އޮތީ ލީގު ތާވަލްގެ ނުވަ ވަނައިގަ އެވެ.
ޓޮޓެންހަމްގެ ފޯމު ދަށްވެފައިވަނީ މޮރީނިއޯ ޓީމު ލައްވައި ކުޅުވާ ސްޓައިލްގެ ސަބަބުންތޯ ރޭގެ މެޗަށް ފަހު ނޫސްވެރިން ސުވާލުކުރުމުން މޮރީނިއޯ ބުނީ ޓީމަށް ދިމާވެފައިވާ މައްސަލަތައް އުފެދުނީ ކޯޗުންގެ ސަބަބުން ނޫން ކަމަށެވެ.
"މި ޓީމުގެ ތެރޭގައި މި މައްސަލަތައް އުޅޭތާ ވަރަށް ދުވަސްވެއްޖެ. އަދި މިއީ ކޯޗެއްގެ ހައިސިއްޔަތުން އަހަންނަށް ހައްލުކުރެވޭނެ މައްސަލަތަކެއް ނުން،" މޮރީނިއޯ ބުންޏެވެ.
ވެސްޓް ހޭމް އަތުން ޓޮޓެންހަމް މޮޅުނުވެއްޖެ ނަމަ، އެ ޓީމުގެ ކޯޗުގެ މަގާމުގައި މޮރީނިއޯ ދެމިހުންނާނެކަމާމެދު މީޑިއާތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ. އަދި މޮރީނިއޯ ޓީމު ލައްވައި ކުޅުވާ ސްޓައިލްގެ ސަބަބުން، ޓޮޓެންހަމްގެ ސަޕޯޓަރުން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. – ބީބީސީ