ގދ. ފަރެސްމާތޮޑާގައި މިފަހަރު ބޮޑު އީދުގެ ފޯރި އެހެނިހެން އަހަރުތަކަށް ވުރެ މިއަހަރު ވަރުގަދަކުރުމަށް އެރަށުގެ ރައްޔިތުން އަންނަނީ ތައްޔާރުވަމުންނެވެ.
"ހުރިހާ" އާ ވާހަކަދައްކަވަމުން އެރަށު ކައުންސިލްގެ ނައިބު ރައީސް ނަސްރުﷲ މުހައްމަދު ވިދާޅުވީ ދެ އަވަށެއްގެ މައްޗަށް އޮންނަ މިރަށުގައި މިހާ ކުލަގަދަކޮށް އަދި އެހާ ފޯރިގަދަކޮށް އީދު ފާހަގަކުރުމުގެ މަގްސަދަކީ އިޖްތިމާއީ ގުޅުން ވަރުގަދަކުރުން ކަމަށެވެ.
ފަރެސްމާތޮޑާއަކީ ދެއަވަށަކަށް ނިސްބަތްވާ ރަށެކެވެ. އެއީ ފަރެސް އަވަށާއި މާތޮޑާ އަވަށެވެ. ފަރެހާއި މާތޮޑާއަކީ ކުރިން ތިލަފަޅެއްގެ ދެފަރާތުގައިވާ ދެރަށެކެވެ. މީގެ މީގެ އަހަރުތަކެއް ކުރީން އެތިލަ ފަޅުހިއްކައި ދެރަށް ވަނީ އެއް ރަށަކަށް ބަދަލުކޮށްފަ އެވެ.
އެ ރަށުގެ އެންމެން އީދުގެ ފޯރީގައި ބައިވެރިކުރުމަށް އީދުގެ ހަރަކާތްތައް މިފަހަރު ރާވާފައި ވަނީ މި ދެ އަވަށުގެ ރައްޔިތުންނާއި އެކި މުއައްސަސާތައް ގުޅިގެންނެވެ.
އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު އީދުގެ ފޯރި 5 ދުވަހަށް ދެމިގެންދާނެ ކަމަށް ނަސްރުﷲ ވިދާޅުވި އެވެ. އެގޮތުން ފުރަތަމަ ހަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ކަމަށް އޭނާ ވިދާޅުވި އެވެ.
ހައްޖު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތަކީ އީދު މަޅިޖެހުމެވެ. އީދު މަޅީގައި ރަށުގެ ގޮޑު ދޮށުގައި ހިކިފަނުން ހަދާފައިވާ އީދުމަޅީގައި އަލިފާން ރޯކުރެ އެވެ. މިކަމަށް އެ ރަށު މީހުން "އިދެމަޅިޔާ" ކިޔެ އެވެ. މިކަން ކުރަނީ އިރުއޮއްސޭ ވަގުތާ ދިމާކޮށެވެ. އިރު ފެނުޖެހުމުން ދެންކުރާކަމަކި އީދުމަޅި ރޯކުރުމާއި އީދު މަޅިޖަހާ މީހާއަށް ވެދުން އެރުވުމެވެ. އީދު މަޅީގެ ހަރަކާތަށްފަހު އެއަތޮޅުގެ "އަޔާޑާ" ރިސޯޓުގެ ސްޕޮންސާއާއެކު އަލިފާނުގެ ކުޅިވަރު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އީދު ދުވަހު ހެނދުނު އެންމެ ޚާއްސަކަމަކަށް އޮތީ އެރަށުގެ ފުޓުބޯޅަ ދަނޑުގައި ހުރިހާ ރައްޔިތުން އެއްވެގެން ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމެވެ. އެއަށްފަހު ހަމަ އެ ބޯޅަދަނޑުގެ އެއްފަރާތުގައި ތައްޔާރުކުރެވިފައިވާ ހެނދުނުގެ ސައިގައި ރަށު އެންމެން ބައިވެރިވާނެ އެވެ.
އީދު ދުވަހުގެ ހަވީރު އެރަށުގެ މަގުތަކުގައި ތަފާތު ކުޅިވަރުތައް ކުޅޭ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މިކުޅިވަރުތައް ތިން ދުވަސް ވަންދެން ކުރިއަށް ދާނެ ކަމަށް ނަސްރުﷲ ވިދާޅުވި އެވެ. އަދި އީދުގެ ތިންވަނައަށް ވާ ދުވަހު މަގުމަތީ ކުޅިވަރުތަކުގެ އިތުރުން ކުޑަކުދިންގެ ހަވީރަކާއި މަސްރޭހެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީދުގެ ހަތަރު ވަނަ ދުވަހު އިސް ރަށްވެހިންގެ ހަވީރެއް އޮންނަ ކަމަށް ނަސްރުﷲ ވިދާޅުވި އެވެ. އޭގެ އިތުރުން ހަތަރުވަނަ ދުވަހާއި ފަސްވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަކަމެއްގެ ގޮތުގައި މަލިކު މީހުންގެ ހަރަކާތްތަކެއްވެ އެވެ. އޭގެ ތެރޭގައި މަލިކު މީހުންގެ ނެށުމާއި، ލަވަކިޔުމާއި އަދި ޖާދޫ ހެދުން ހިމެނެ އެވެ. އީދު ކުޅިވަރުތައް ނިންމާލުމަށް ހަމަޖެހިފައި ވަނީ ހަވާ އެރުވުމަކުންނެވެ.