މަގުމަތީގެ އިހުމާލަކުން ގެއްލުންވި ކަމަށް ބުނެ ބޮލީވުޑް އެކްޓްރެސް ރަވީނާ ޓަންޑަންއަށް ތުހުމަތުކުރި އާއްމު މީހާގެ މައްޗަށް އޭނާ އަބުރުގެ ދައުވާ އުފުލައިފި އެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ހިނގި އެ ހާދިސާގައި އެމީހާ ބުނެފައިވަނީ ރަވީނާއާއި އޭނާގެ ޑްރައިވަރުގެ އިހުމާލުން އެމީހާއަށާއި އޭނާގެ މަންމައަށް އަނިޔާވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް މައްސަލަ ތަހުގީގު ކުރުމަށްފަހު މުމްބާއީގެ ފުލުހުންނާއި ކޯޓުން ވެސް ވަނީ ރަވީނާގެ ކުށެއް ނެތް ކަމަށް ބުނެފަ އެވެ.

މި ދޮގު ތުހުމަތުގެ ސަބަބުން ރަވީނާގެ އަބުރަށް ލިބުނު ގެއްލުމުގެ ބަދަލުގައި އޭނާ ވަނީ 100 ކްރޯޑް އިންޑިއާ ރުޕީސްއަށް އެދިފަ އެވެ.

ރަވީނާގެ ވަކީލު ބުނެފައިވަނީ އެ ތުހުމަތުގެ ސަބަބުން ރަވީނާގެ އަބުރަށް ގެއްލުންވެފައިވާ ކަމަށާއި އޭގެ ބަދަލު ބޭނުންވާ ކަމަށެވެ.

ރަވީނާއަކީ 1990 ގެ އަހަރުތަކުގެ ތެރޭގައި ބޮލީވުޑްގެ ފިލްމުތަކުން ވިދާލި ކުޅަދާނަ އެކްޓަރެކެވެ. މިހާރުވެސް މަދުމަދުން އޭނާ އަންނަނީ ފިލްމުތަކުން ފެންނަމުންނެވެ.