ފްރޭންކްފަޓް (17 ޖޫން) – މެޗުގެ ފުރަތަމަ ހާފުގައި ޖެހި ލަނޑަކާއެކު، ޔޫރޯގެ ގުރޫޕް އީގައި މިރޭ ވަރުގަދަ ބެލްޖިއަމް އަތުން 1-0 އިން މޮޅުވެ، ސްލޮވާކިއާ އިން ހައިރާންކުރަނިވި ނަތީޖާއެއް ނެރެފި އެވެ.
މެޗުގެ ހަތް ވަނަ މިނިޓުގައި ބެލްޖިއަމް އިން ހެދި މިސްޓޭކެއްގެ ފައިދާ ނަގައި، ސްލޮވާކިއާއަށް ލީޑު ހޯދައިދިނީ އީވާން ޝްނާޒެވެ.
އެކަމަކު މެޗުގެ ފުރަތަމަ ހާފުގައިވެސް ބެލްޖިއަމްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެންމެ ރަނގަޅު ފުރުސަތު ލިބުނީ ތަޖުރިބާކާރު ފޯވަޑް ރޮމެއޫ ލުކާކޫއަށެވެ. ލުކާކޫ އަށް ލިބުނު ފުރަތަމަ ފުރުސަތުގައި ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ބޯޅަ ސްލޮވާކިއާގެ ގޯލްކީޕަރު މާޓިން ޑުބްރަވްކާ ވަނީ ދިފާއުކޮށްފަ އެވެ. އަދި އޭގެ ފަހުން ލިބުނު ފުރުސަތުގައި ޑުބްރަވްކާ ކައިރިން ނައްޓާލުމަށް ފަހު ގޯލަށް ބޯޅަ ފޮނުވާލަން ލުކާކޫ މަސައްކަތްކުރި ނަމަވެސް، އޭނާ އަށް ބޯޅަ ޖައްސާލެވުނީ މާ ދުރަށެވެ.
މެޗުގެ ދެވަނަ ހާފުގައި ލުކާކޫ ދެ ފަހަރު ބެލްޖިއަމްގެ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް، ދެ ފަހަރުވެސް ވީއޭއާރް އިން ވަނީ ގޯލު ކެންސަލްކޮށްފަ އެވެ. ފުރަތަމަ ގޯލު ވީއޭއާރް އިން ބެލުމަށްފަހު ނިންމީ ލުކާކޫ އޮފްސައިޑް ކަމަށެވެ. ދެވަނަ ލަނޑު ކެންސަލް ކުރީ ލުކާކޫއަށް ބޯޅަ ހުރަސްކުރި ލޮއިސް އޮޕެންޑާ ބޯޅަ ކޮންޓުރޯލްކުރިއިރު، އޭނާގެ އަތުގައި ބޯޅަ ޖެހުމުންނެވެ.
ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ބެލްޖިއަމްގެ ޔޯހާން ބަކަޔޯކޯއަށް މެޗުގެ ނަތީޖާ އެއްވަރުކުރަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު ބަކަޔޯކޯ ފޮނުވާލި ބޯޅަ ސްލޮވާކިއާގެ ޑިފެންޑަރެއް ދިފާއުކުރީ ގޯލުގެ ރޮނގު މަތިންނެވެ.
މި މެޗުން ބަލިވުމުން ބެލްޖިއަމްއަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. މި ގުރޫޕްގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ރޫމޭނިއާ ވަނީ ޔޫކްރޭން އަތުން 3-0 އިން މޮޅުވެފަ އެވެ. -- އޭއެފްޕީ