އިންޑިއާގެ ލަވަކިޔުންތެރިޔާ އަލްކާ ޔަގްނިކްއަކީ އޭނާގެ ރީތި އަޑުގެ ސަބަބުން މަޝްހޫރުވެ އިންޑިއާގައި މިވަގުތު ތިބި ލަވަކިޔުންތެރިންތަކުގެ ތެރެއިން އެންމެ މޮޅު ލަވަކިޔުންތެރިޔާއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

އުމުރުން 58 އަހަރުގެ އަލްކާ ވަނީ އޭނާއަށް ވަރަށް މަދުން ނޫނީ ނުފެންނަ އިވުމުގެ ހިއްސަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވާ ނާދިރު ބައްޔެއް ޖެހިފައިވާކަން ހާމަކޮށްފަ އެވެ.

އަލްކާ އަމިއްލަ އިންސްޓަގްރާމް އެކައުންޓްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނަ އަށް ދިމާވެފައިވާ ބައްޔަކީ ސެންސަރީ ނިއުރޯން ޑިސްއޯޑާ (އެސްއެންޑީ) ކަމަށެވެ. އަލްކާ ބުނީ އެ ނާދިރު ބަލީގެ ޝިކާރައަކަށް އޭނާ ވިކަން އެނގުނީ މީގެ ހަފުތާއެއް ކުރިން ދަތުރަކަށް ފަހު ފްލައިޓުން ފޭބި އިރު، އޭނާގެ ކަންފަތަށް އެއްވެސް އަޑެއް ނީވޭކަން ފާހަގަކުރެވިގެން ޑޮކްޓަރަށް ދެއްކުމާ ގުޅިގެން ކަމަށެވެ.

އަދި ބައްޔަށް ޑައިގްނޯޒްވި ހިސާބުން ފަރުވާ ފަށާފައިވާ ކަމަށާއި އެންމެންގެ ހެޔޮދުއާ ވެސް ބޭނުންވާ ކަމަށް އަލްކާ ބުންޏެވެ.

https://www.instagram.com/p/C8U2sbzsa2Q/?utm_source=ig_embed&ig_rid=9be3b523-2d95-46da-8605-bcbb8be3ecc7

ސަތޭކައަށް ވުރެ ގިނަ ލަވަތަކުގެ ކްރެޑިޓު ލިބޭ، އަލްކާ އަކީ 90 ގެ ދުވަސްވަރު ބޮލީވުޑްގެ އެންމެ މަގްބޫލް ޕްލޭބެކް ލަވަކިޔުންތެރިޔާ އެވެ. އަލްކާ ޕްލޭބެކް ލަވަކީ އެންމެ ހިޓު ލަވަތަކުގެ ތެރޭގައި "ޕަރްދެސި ޕަރްދެސި" އާއި، "ގަޒާބްކާ ހެއި ދިން" އާއި، "ތާލް ސޭ ތާލް މިލާ" ގެ އިތުރުން، އެންމެ ފަހު ހިޓަކަށް "އަގަރް ތުމް ސާތުހޯ" ލަވަ ފާހަގަކޮށްލެވެ އެވެ.

ބޮޑު ފޭން ބޭސް އެއް އޮންނަ އަލްކާ ވަނީ ފިލްމުފެއާ އެވޯޑުގެ އެންމެ މޮޅު އަންހެން ޕްލޭބެކް ލަވަކިޔުންތެރިޔާގެ މަޤާމު 36 ނޮމިނޭޝަނުން 7 ފަހަރު ހޯދާފަ އެވެ.

އޭނާ ވަނީ ދެ ގައުމީ އެވޯޑުވެސް ހާސިލުކޮށްފަ އެވެ. އަލްކާއަކީ ބޮލީވުޑް މިއުޒިކް އިންޑަސްޓްރީގެ ތާރީޚުގައި އެންމެ ގިނައިން ސޯލޯ ލަވަ ކިޔާފައިވާ އަންހެން ފަންނާނުންގެ ތެރޭގައި ހިމެނޭ އެއް ފަންނާނުވެސްމެ އެވެ.