ދިވެހި ގިނަ ފިރިހެނުންގެ ވެސް ބޮޑު ބަނޑެއް ހުރެއޭ ބުނުމަކުން އެއީ ދޮގަކަށް ނުވާނެ އެވެ. މިއީ ޖިންސުއްލަތީފުންނަށް ކަމުދާ ސިފައަކަށް ނުވާއިރު އުފެދޭ ސުވާލަކީ ފިރިހެނުންގެ ބަނޑުލާން މެދުވެރިވަނީ ކޮން ކަމައްތޯ ކުރެވޭ ސުވާލެވެ.
އިންޑިއާގެ ޑޮކްޓަރެއް ކަމަށްވާ ޑރ. އެރިކް ބާގް އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.
އެގޮތުން އޭޝިއާގެ ފިރިހެނުންގެ ބަނޑުލާ މައިގަނޑު ސަބަބަކީ ގިނަ އަދަދަކަށް ޖަނަވާރު މަސް ކެއުން ކަމަށް އޭނާ ބުނެފައިވެ އެވެ.
މީގެ 5000 އަހަރު ކުރިން އެމީހުންނަކީ ޖަނަވާރު މަސް އެހާ ގިނައިން ކައި އުޅުނު ބައެއް ނޫންކަން ފާހަގަ ކުރަމުން ޑރ. އެރިކް ވިދާޅުވީ މިހާރު އޭޝިއާއަކީ ދުނިޔޭގައި އެންމެ ގިނައިން ޖަނަވާރު މަސް ކާ މީހުން އުޅޭ ބައްރު ކަމަށެވެ.
މީގެ އިތުރުން ވެސް ތައްޔާރީ ކާނާ ކެއުމާއި ކެއިން ބުއިމުގައި ގިނަ އަދަދަކަށް ހަކުރު ބޭނުން ކުރުމަކީ ވެސް ގޮހޮރު ފުފި ބަނޑުލާން މެދުވެރިވާ ކަމެއް ކަމަށް އޭނާ ފާހަގަ ކޮށްފައިވެ އެވެ.
މިކަންކަމުން އަންހެނުންނަށް ވުރެ ފިރިހެނުންނަށް ކުރާ އަސަރު ބޮޑުކަން ފާހަގަ ކުރަމުން ޑރ. އެރިކް ވިދާޅުވެފައިވަނީ ފިރިހެނުންގެ ބަނޑުލުމުގެ ފުރުސަތު އަންހެނުންނަށްވުރެ ބޮޑު ކަމަށެވެ.
ބަނޑު ހިންދަން ބޭނުންނަމަ ކެއުމުގައި ރިފައިންޑް ކާބްސް މަދުކޮށް ޕްރޮޓީން ބޭނުން ކުރާ މިންވަރު އިތުރުކުރަން ޑރ އެރިކް ލަފާ ދެއްވަ އެވެ.