ބޮލީވުޑްގެ ކުރީގެ އެކްޓަރު އަނޫ ކަޕޫރުއާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރު އަދި އެކްޓްރެސް ކަންގަނާ ރަނޯޓްގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވެމުން އެބަދެ އެވެ.
މި ކަންތައް ފެށިގެން އައީ ދާދި ފަހުން ބޭއްވި މީޑިއާ ކޮންފަރެންސްއެއްގައި ކަންގަނާގެ މޫނުގައި ސެކިއުރިޓީ އޮފިސަރަކު ޖެހި މައްސަލައާ ބެހޭ ގޮތުން އަނޫއާ ސުވާލު ކުރެވެމުންނެވެ. އެ ސުވާލުގެ ޖަވާބުގައި އަނޫ ވަނީ ކަންގަނާއަކީ ކާކުތޯއާއި އޭނާއަކީ ވަރަށް ރީތި އެކްޓަރެއްތޯ މީޑިއާ އޮފިޝަލުުންނާ ސުވާލު ކޮށްފަ އެވެ.
"ތި ސުވާލު ކުރީމަ އަހަންނަށް އެނގޭ އޭނާއަކީ ވަރަށް މަޝްހޫރު މީހެއްކަން. އެއީ ކާކުތަ؟ އޭނާ ރީތިތަ؟" އަނޫ މީޑިއާ އޮފިޝަލުންނާ ސުވާލު ކޮށްފައިވެ އެވެ.
އޭގެ ރައްދުގައި ކަންގަނާ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ބުނެފައި ވަނީ އަންހެނަކު މާބޮޑަށް ކާމިޔާބުވުމުން މީހުންގެ ނަފްރަތާއި ނުރުހުން އަމާޒުވާ ކަމަށެވެ.
ކަންގަނާގެ އެ ބަހަށް ރައްދު ދެމުން އަނޫ އަނެއްކާ ވެސް ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ހިންދީ ބަހުން ދިގު ބަޔާނެއް ނެރެ އާއްމުކޮށްފަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އޭނާއަކީ މަޖިލިސް ހަބަރުތަކާއި ފިލްމުތައް ވެސް މާ ގިނައިން ބަލާ އުޅޭ މީހެއް ނޫން ކަމަށާއި ވަކި މީހަކީ ކާކުކަން ނޭނގުމަކީ ކުށެއް ނޫން ކަމަށެވެ.
ކަންގަނާއަކީ އޭނާގެ މިޒާޖު ހުންނަ ގޮތުން އާއްމުކޮށް އެކި މީހުންނާ ބަހުގެ ހަމަލާތައް ބަދަލުކުރުން އާއްމު "މައްސަލަ ބޮޑު" ތަރިއެއްގެ ގޮތުގައި ބެލެވޭ ތަރިއެކެވެ.