ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި "ސްޕައިޑަ-މޭން"ގެ ރޯލުން އާންމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ޓޮމް ހޮލަންޑް، މެންޗެސްޓާ ސިޓީ އަދި ނޯވޭގެ ތަރި އާލިންގް ހާލަންޑަށް ފޮނުވި މެސެޖަކަށް ޖަވާބު ނުދީ ދޫކޮށްލުމުން (ގޯސްޓް ކުރުމުން) އެކަމާ ގުޅޭގޮތުން މަޖާ ރާގަކަށް ވާހަކަ ދައްކައިފި އެވެ.
"ދަ ޓުނައިޓް ޝޯ ސްޓާރިންގް ޖިމީ ފެލަން"ގައި ބައިވެރިވެ، އޭނާގެ އާ ފިލްމު "ދަ އޮޑިސީ" ޕްރޮމޯޓް ކުރަމުން ހޮލަންޑް ބުނީ، މިއީ އެކްޓަރުން ހަމަ ބިމަށް ތިރިކޮށް ތިމާގެ ނުފޫޒާމެދު އަލުން ވިސްނާލަން ލިބުނު ރަނގަޅު "ހަމްބްލިންގް" ތަޖުރިބާއެއް ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ މޮނާކޯ އެފް1 ގްރޭންޑް ޕްރީގެ ތެރެއިންނެވެ. ހޮލަންޑް ކައިރީގައި ހުރި ވީއައިޕީ ސުއިޓަކުން ހާލަންޑް ފެނުމުން، އޭނާއާއެކު ރޭގަނޑުގެ ކެއުމަކަށް ދިއުމަށް އެދި އިންސްޓަގްރާމް މެސެޖެއް (ޑީއެމް) ފޮނުވި އެވެ. ނަމަވެސް، ހާލަންޑްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ.
"އަހަރެން ހީކުރީ މެސެޖެއް ކޮށްލާފައި ރޭގަނޑުގެ ކެއުމަކަށް ދާން ދައުވަތު ދިނުމުން އޯކޭވާނެ ކަމަށް. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނު. 'މިއަދު އަވަދިނެތި އުޅެނީއޭ' ނުވަތަ 'ފުޓްބޯޅަ ކުޅެނީއޭ'ވެސް ބުނެލުމެއް ނެތް. އެއްވެސް އެއްޗެއް ނުބުނޭ،" ހޮލެންޑް މަޖާވެފައި ބުންޏެވެ.
ހާލަންޑް ޖަވާބު ނުދިނީ ކީއްވެ؟
މިކަމާ ގުޅިގެން ނޯވޭގެ ޝޯއެއްގައި ވާހަކަ ދައްކަމުން ހާލަންޑް ވަނީ އޭނާއަށް މެސެޖު ކުރީ ކާކުކަން ނޭނގޭތީ ޖަވާބު ނުދެވުނީ ކަމަށް އެއްބަސްވެފަ އެވެ.
"ތެދަށް ބުނަންޏާ މިއީ ތަންކޮޅެއް ލަދުވެތި ކަމެއް. އަހަރެން އާންމުކޮށް ފިލްމު ބަލައެއް ނޫޅެން. އެހެންވީމަ މީހުންނެއް ވަކިކުރާކަށް ނޭނގެ. ނުދަންނަ މީހަކު ކެއުމަކަށް ދާން މެސެޖު ކުރުމުން ޖަވާބު ނުދިނީ،" ހާލަންޑް ބުންޏެވެ.
ނަމަވެސް ފަހުން އެއީ ސްޕައިޑަ-މޭންގެ ތަރިއެއްކަން އެނގުމުން، އަލުން މެސެޖެއް ފޮނުވަން ގަސްދުކުރާ ކަމަށްވެސް އޭނާ ބުންޏެވެ.
މިކަމާ މެދު ހޮލެންޑްގެ ހިތުގައި އެއްވެސް ހިތްބުރަ ކަމެއް ނެތްކަން ހާމަކުރަމުން އޭނާ ވަނީ ހާލަންޑަކީ ފުޓްބޯޅައިގެ "ލެޖެންޑެއް" ކަމަށް ބުނެ އޭނާއަށް ތައުރީފު ކޮށްފަ އެވެ.
ފާހާނާ ތަށްޓަށްވުރެ ތި ގެންގުޅޭ ފޯނުގައި ޖަރާސީމު ގިނަ!
24 އަހަރަށްފަހު އިންގްލޭންޑާއި އާޖެންޓީނާގެ ކުރިމަތިލުން މިރޭ
އާޖެންޓީނާގެ ކުޅުން ގޯހެއް ނޫން: ސްކަލޯނީ