ބޮލީވުޑްގެ މަޝްހޫރު ސެލެބްރިޓީ ޓޯކް ޝޯއެއް ކަމަށްވާ "ކޮފީ ވިތު ކަރަން"ގެ ނުވަވަނަ ސީޒަން އަންނަ އަހަރު ފަށަން ނިންމައިފި އެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި އެކަން ޔަގީން ކޮށްދެމުން ޝޯގެ ހޮސްޓް ކަރަން ޖޯހަރު ބުނީ މިފަހަރުގެ ސީޒަން ކުރީގެ ސީޒަންތަކަށްވުރެ މާ ޝައުގުވެރިވާނެ ކަމަށެވެ.

އެ ޝޯގެ އަށްވަނަ ސީޒަން މިދިޔަ އަހަރު ކުރިއަށް ދިޔައިރު ޝޯގެ މެހެމާނުންގެ ތެރޭގައި ރަންވީރު ސިންހް، ދީޕިކާ ޕަދުކޯން ކަރީނާ ކަޕޫރު އަދި ސާރާ އަލީ ޚާން ހިމެނެ އެވެ.

ކުރިއަށް އޮތް ސީޒަންއާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަމުން ކަރަން ބުނީ އެ ޝޯތަކުގައި މުޅިން ތަފާތު ބައިތަކެއް ހިމެނޭނެ ކަމަށާއި އެއީ ބެލުންތެރިން ގަޔާވާނެ ބައިތަކެއް ކަމަށެވެ.

ކޮފީ ވިތު ކަރަންގެ އާ ސީޒަން އިއުލާން ކުރެވުމާއެކު މިފަހަރުގެ ޝޯތަކުގައި ފެނިގެންދާނެ މެހެމާނުންނާ ބެހޭ ގޮތުން މީޑިއާގައި މިހާރު ވާހަކަތައް ދެކެވެމުން އައި ނަމަވެސް އެއްވެސް މެހެމާނެއް ޔަގީނެއް ނުވެ އެވެ.