އިންސިއުލިންއަކީ ގިނަ ދިވެހިންނަށް އާ ބަހަކަށް ނުވެދާނެ އެވެ. ނަމަވެސް އެއީ ކޮން އެއްޗެއްކަން އެނގޭ މީހުން މަދުވުމަކީ ފަހަރެއްގައި ވެދާނެ ކަމެކެވެ. އެހެން ކަމުން އިންސިއުލިންއާއި އެއާ ގުޅިފައިވާ "އިންސިއުލިން ރެސިސްޓެންސް"އަށް މި ލިޔުމުގައި ބަލާލާނަމެވެ.

އިންސިއުލިންއަކީ ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިއްބައިދިނުމަށްޓަކައި ޕެންކްރިއާސް ނަމަކަށް ކިޔާ ގުނަވަނުން އުފައްދާ ހޯމޯން އެކެވެ. އެ ހޯމޯންގެ އެހީގައި ހަށިގަނޑުގެ އެކި ސެލްތަކަށް ހަކަތަ ފޯރުކޮށްދެ އެވެ.

މި ދެންނެވި އިންސިއުލިން އެންމެ ރަނގަޅު ގޮތުގައި އޭގެ މަސައްކަތް ނުކުރުމަކީ "އިންސިއުލިން ރެސިސްޓަންސް" އެވެ. މާނައަކީ އިންސިއުލިން ސެލްތަކަށް ހަކަތަ ފޯރުކޮށް ނުދިނުމަކީ އިންސިއުލިން ރެސިސްޓެންސް އެވެ.

އިންސިއުލިން ރެސިސްޓެންސްއަކީ ކިިހިނެއް ވާ ކަމެއްތޯ މިހިސާބުން ސުވާލު އުފެދިދާނެ އެވެ. ސިއްހީ މާހިރުންގެ އެހީގައި އެކަމަށް ބަލާލާނަމެވެ،

ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފައްދައިދެނީ އަހަރުމެން ބޭނުންކުރާ ހަކުރުންނެވެ. އެހެން ނަމަވެސް މިނަށްވުރެ ހަށިގަނޑަށް އެތެރެވާ ހަކުރު ގިނަވުމުން އިންސިއުލިންގެ ބާރުދަށްވެ އެތެރެވާ ހުރިހާ ހަކުރު ނުވަތަ "ގުލްކޯޒް" ސެލްތަކަށް ފޯރުކޮށްދިނުމަށް އިންސިއުލިން ނުކުޅެދެ އެވެ.

ނަތީޖާއަކަށްވަނީ ހަށިގަނޑުގެ ލޭގައި ދައުރުވާ ގުލްކޯޒްގެ މިންވަރު އިތުރުވެ ދާއިމީ ބައްޔެއް ކަމަށްވާ ހަކުރު ބައްޔަށް މީހާ ހުށައެޅިގެން ދިއުމެވެ.

އެހެން ކަމުން އިންސިއުލިން ރެސިސްޓެންސް ފާހަގަވަނީ "ޕްރީ ޑައިބެޓިކް" ހާލަތެއްގެ ގޮތުގަ އެވެ. މާނައަކީ ހަކުރު ބަލި ޖެހުމުގެ ކުރިން ފެންނަ އަލާމާތެކެވެ.

ވުމާއެކު އާއްމު ދިރިއުޅުމުގައި ހަކުރު ބޭނުންކުރެވޭ މިންވަރަށް ސަމާލުވެ ވަކި މިންގަނޑެއްގައި ހަކުރު ބޭނުން ކުރުމަކީ ދިގުމުއްދަތުގައި ސިއްހަތަށް ފައިދާހުރި ގޮތެވެ.