ޕްލާސްޓިކް ސާޖަރީގެ ސަބަބުން ފިލްމީ މަސައްކަތްތަކަށް ބުރޫ އަރާފައިވާ ކަމަށް މަޝްހޫރު މޮޑެލް އަދި ރިއަލިޓީ ސްޓާ ކިމް ކާޑޭޝަން އެންމެ ފަހުން އެއްބަސްވެއްޖެ އެވެ.

"ދަ ކާޑޭޝަންސް"ގެ އެންމެ ފަހުގެ އެޕިސޯޑުގައި ވާހަކަ ދައްކަމުން ކިމް ބުނެފައިވަނީ އެކްޓު ކުރުމަކީ އޭނާއަށް މިހާރު ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

އެގޮތުން ރޯންޖެހޭ މަންޒަރުތަކާއި މޫނުމަތިން ޖަޒުބާތުތައް ދައްކަންޖެހޭ މަންޒަރުތައް ކުޅެން ވަކިން އުނދަގޫ ކަމަށް އޭނާ ފާހަގަ ކުރި އެވެ.

"ގިނަ ޖަޒުބާތުތައް ދައްކަންޏާ ބޭނުންވަނީ މަދު ބޮޓޮކްސް. އަހަރެންގެ އެކަމެއް ނެތް،" ކިމް ބުނެފައިވެ އެވެ.

އެކްޓިންއަކީ އޭނާގެ ހުވަފެނެއް ނަމަވެސް ކެރިއަރެއްގެ ގޮތުގައި އެކަން ނުކުރެވޭނެ ކަމަށް ކިމް ބުންޏެވެ. އެހެން ނަމަވެސް އަހަަރަކު އެއް ފިލްމު ކުޅެން އޭނާ ބޭނުންވާ ކަމަށް ކިމް ބުނެފައިވެ އެވެ.

ކިމް ކާޑޭޝަންއަކީ ޕްލާސްޓިކް ސާޖަރީއިން ހަށިގަނޑަށް ބޮޑު ބަދަލުތަކެއް ގެނައި މޮޑެލްއެއްގެ ގޮތުގައި ފާހަގަ ކުރެވޭ ތަރި އެކެވެ. އެކަމުގެ ސަބަބުން އޭނާއަށް އާއްމުންގެ ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުވެ އެވެ.