ރާއްޖޭގެ ގައުމީ އެއާލައިން އަދި މިއަހަރުގެ އުރީދޫ ފަން ރަންގެ ޓްރެވަލް ޕާޓްނަރު މޯލްޑިވިއަން އިން އެ ހަރަކާތުގައި ބައިވެރިވާ ދަތުރުވެރިންނަށް ހާއްސަ ޕްރޮމޯޝަނެއް ހުޅުވާލައިފި އެވެ.

މި އޮފާގެ ދަށުން ލ. އަތޮޅުގައި ބާއްވާ އުރީދޫ ފަން ރަންގައި ރަޖިސްޓްރީވެފައިވާ ބައިވެރިންނަށް މާލެ- ކައްދޫ ދެކޮޅު ޓިކެޓު 2488 ރުފިޔާއަށް ލިބޭނެ އެވެ.

އުރީދޫން ބުނީ ޖުލައި މަހުގެ ފަހެއް ވާ ހުކުރު ދުވަހު ލ. އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ފަން ރަން ވެސް ވެގެންދާނީ ބައިވެރިންނަށް އުފާވެރި މަޖާ ތަޖުރިބާއަކަށް ކަމަށެވެ. ކޮންމެ ކިލޯމީޓަރެއްގައި ވެސް ފޯމް، ފެން ނުވަތަ އޮބްސްޓަކަލް ކޯސް ބަހައްޓާފައި ހުންނާނެ ކަމަށްއެ ކުންފުނިން ބުންޏެވެ.

ރާއްޖޭގައި ބޭއްވޭ އެންމެ އުފާވެރި ދުވުމުގެ ޓްރެވަލް ޕާޓްނަރެއްގެ ހައިސިއްޔަތުން މޯލްޑިވިއަނުން ތިރީގައިވާ ރޫޓަށް ހާއްސަ އަގުތަކެއް ލިބޭނެއެވެ.

• ޖުލައި މަހުގެ 4ން- 5 ވަނަ ދުވަހުގެ ނިޔަލަށް މާލެއިން ކައްދޫއަށް

• ޖުލައި މަހުގެ 6ން- 7 ވަނަ ދުވަހުގެ ނިޔަލަށް ކައްދޫއިން މާލެއަށް

މި އޮފަރ ބޭނުންކުރުމަށް އުރީދޫ ފަން ރަން ގައި ރެޖިސްޓަރ ވެފައި ވާ ފަރާތްތަކުން އޯޑަރ އައިޑީ އާއެކު އީމެއިލް ސަބްޖެކްޓްއެއްގެ ގޮތުގައި " އުރީދޫ ފަން ރަން ލާމު" ޖެހުމަށްފަހު [email protected] އީމެއިލް ކުރަންޖެހޭނެ އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވީ އުރީދޫ ފަން ރަން ގައި ބައިވެރިވުމަކީ ގައުމީ އެއާލައިނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި އިވެންޓް ވެގެންދާނީ ލ. އަތޮޅުގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ އަދި ސިއްހަތާއި ދުޅަހެޔޮކަން ކުރިއެރުވުމުގެ ވަރަށް ފުރިހަމަ މިކްސްއަކަށް. ޓްރެވަލް ޕާޓްނަރެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ މަގުސަދަކީ ގިނަ ފަރާތްތަކަކަށް ރާއްޖޭގައި ބޭއްވޭ މި އުފާވެރި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުން،" އިޔާސް ވިދާޅުވި އެވެ.

އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ "އުރީދޫ ފަން ރަން - ލާމުގައި މޯލްޑިވިއަން ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި ހަރަކާތަކީ ލ. އަތޮޅުގެ ހިތްގައިމު މާހައުލުގައި ސިއްހަތާއި ދުޅަހެޔޮކަމާއި އެއްބައިވަންތަކަމުގެ އުފާފާޅުކުރުމުގެ ހަރަކާތެކެވެ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މި ހާއްސަ އެއާފެއާގެ ސަބަބުން އިތުރު ބައިވެރިންނަށް މި ރަންގައި ބައިވެރި ވުމަށް ފަސޭހަވެގެންދާނެ." ހަމާދީ ވިދާޅުވި އެވެ.