ތ. ވޭމަންޑޫގެ އިންޖީނުގޭގައި ރޯވެ، ހުރިހާ އިންޖީނުތަކެއް އަނދައިފި އެވެ.
މިއަދު މެންދުރު ފަހު ހިނގި އަލިފާނުގެ ހާދިސާގައި، އެ ރަށަށް ކަރަންޓު ދިނުމަށް ބޭނުން ކުރާ ތިން ޖަނަރޭޓަރު އެކީ އަނދައި ހުލިވެފައިވާ ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.
އެމްއެންޑީއެފް އިން ބުނީ އެ އިންޖީނު ގޭގައި ރޯވުމުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކައްދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ ރަށު ކައުންސިލުގެ ނައިބު ރައީސް އަހުމަދު ފަތުހީ ޕީއެސްއެމްއަށް ވިދާޅުވީ، އެ ރަށުގައި ހުރި ފެނަކަ އިންޖީނުގޭގައި އަލިފާން ރޯވެފައިވަނީ މެންދުރު 2:30 ހާއިރު ކަމަށެވެ. އަދި ރަށުގެ ރައްޔިތުންނާއި، ސިފައިން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު މިހާރު އެއްކޮށް ކޮންޓްރޯލްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވޭމަންޑޫގައި ކަރަންޓު ދޭން ބޭނުންކުރަނީ 600 ކިލޯވޮޓް އެއް ޖަނަރޭޓަރާއި 500 ކިލޯވޮޓް އެއް ޖަނަރޭޓަރު އަދި 450 ކިލޯވޮޓުގެ އެއް ޖަނަރޭޓަރެވެ. މި ހާދިސާގައި އެ ތިން ޖަނަރޭޓަރު ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ
އެ ހާދިސާގައި އިންޖީނުތަކުގެ އިތުރުން އިންޖީނުގެއަށާއި ކަރަންޓް ދިނުމަށް ބޭނުންކުރާ ޕެނަލް ބޯޑުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
ފެނަކަ ކޯޕަރޭޝަނުން ވެސް ވަނީ ވޭމަންޑޫ އިންޖީނުގޭގައި ކުއްލިގޮތަކަށް އަލިފާނުގެ ހާދިސާއެއް ހިނގައި، ބޭނުން ނުކުރެވޭ ވަރަށް އިންޖީނުތައް އެނދުމާ ގުޅިގެން އެރަށުގެ ކަރަންޓުގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑިފައިވާ ކަމަށް ބުނެފަ އެވެ. އަދި ކަރަންޓުގެ ޚިދުމަތް ވީއެންމެ އަވަހަށް އިއާދަކުރުމަށް މަސައްކަތްކުރާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެއްހާހަށް ވުރެ ގިނަ މީހުންގެ ދިރިއުޅޭ ރަށުގެ އިންޖީނުގޭގައި އަލިފާންރޯވެ، މުޅި ތަން ބޭނުންނުކުރެވޭ ހަލާކުވިއިރު ދޭތެރެ ދޭތެރެއިން އެ ރަށުން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވެ އެވެ.
ޖިއޮގުރަފިކަލީ ގޮތުން ރާއްޖޭގެ އެެންމެ ބޮޑު އަތޮޅު MNDF ފަޔަރ ހިދުމަތް ލިބެން ނުހުރޭ އަތޮޅުގެ އާބާދީ 18000 އިން މަތީގަ